އެމްޑީޕީގެ އާންމު ޖަލްސާއެއް ރޭ ޣިޔާޘުއްދީން ސްކޫލްގައި ބާއްވައިފި

އެމްޑީޕީގެ އާންމު ޖަލްސާއެއް ރޭ ޣިޔާޘުއްދީން ސްކޫލްގައި ބާއްވައިފިއެވެ. ރޭގެ އާންމު ޖަލްސާ ޚާއްސަކޮށްލާފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީ ޓިކެޓް ލިބިފައިވާ ބޭފުޅުން ޕާޓީގެ މެމްބަރުންނަށާއި އާންމުންނަށް ތައާރަފްކޮށް އެރުވުމަށެވެ. އެގޮތުން ޕާޓީ ޓިކެޓް ލިބިވަޑައިގެން ތިއްބެވި 5 މެމްބަރުން ކަމުގައިވާ، ގަލޮޅު 1 ށް (ގަލޮޅު އުތުރު) ކުރިމަތިލައްވާ އީވާ އަބްދުﷲ އާއި ޅ 3 ށް (ނައިފަރު) ކުރިމަތިލައްވާ މުހަންމަދު ނާޒިމް (ބައުންޓީ) އާއި މާފަންނު 1 ށް (މާފަންނު އުތުރު) ކުރިމަތިލައްވާ އިމްތިޔާޒް ފަހުމީ (އިންތި) އާއި ހއ 3 ށް (ވަށަދިއްމުރައިދޫ) ކުރިމަތިލައްވާ އަހްމަދު ސަމީރު އާއި ތ 1 ށް (ބުރުމިގިލި ) ކުރިމަތިލައްވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހަސަން އަފީފު ވާހަކަ ދެއްކެވިއެވެ.

ރޭގެ ޖަލްސާގައި، ކެންޑިޑޭޓުން ދެއްކެވި ވާހަކައިގައި ހެޔޮ ބަދަލު ގެނައުމުގައި ސިޔާސީ އެކްޓިވިސްޓުންގެ ދައުރަށް ބައްލަވައި ލެއްވިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި އެމްޑީޕީގެ އެކްވިސްޓުން ތިބޭތީ އެކަމަށް ސިޔާސީ އެހެން ޕާޓީތަކުގެ އިސް ބޭފުޅުން ފާޑު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ވާހަކަ ދެއްކެވިއެވެ. އެގޮތުން އިންޑިޔާގެ މަހާތުމާ ގާނދީއާއި ސައުތު އެފްރިކާގެ ނެލްސަން މަންޑޭލާ ފަދަ ބޭފުޅުންނަކީ އެކްޓިވިސްޓުންކަމަށާއި އެ ބޭފުޅުންގެ ގައުމުގައި އެބޭފުޅުން ވެރިކަން ކުރެއްވިކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރޭގައި މަތީ ތައުލީމް ލިބިފައިވާ އަދި އިދާރީގޮތުންނާއި ފަންނީ އެކި ރޮނގުތަކުން ތަމްރީނާ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ހިމެނޭކަންވެސް ފާހަގަ ކުރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ މަޖިލިހުގެ އަޣްލަބިއްޔަތު ހޯދުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަ ކުރުމުގައި ވަރަށް މުހިންމު ކަމެކެވެ. އަދި މަޖިލިހުގެ އަޣްލަބިއްޔަތު އެމްޑީޕީން ހޯދުމަށް ސަރުކާރުން ގޮވާލާ ގޮވާލުމަކީ ޑިމޮކްރެސީއާ އިދިކޮޅު ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުންދާ ދިޔުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް ހުރަސް އެޅުމަށް ދައްކާ ވާހަކަ ތަކެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި މަޖިލިހުގެ އަޣްލަބިއްޔަތު ހޯދުމަށް ސިޔާސީގޮތުން މަސައްކަތްކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އަބަދުވެސް ކުރާނެ ކަމެކެވެ.

ކެންޑިޑޭޓުންގެ ވާހަކައިގައި އެބޭފުޅުން ގޮނޑިތަކަށް ހޮވިއްޖެނަމަ އެމްޑީޕީގެ ޕާޓީލައިންގައި (ޕާޓިން ގެންގުޅޭ އުސޫލްތަކާއި ހަމަތަކުގެ ތެރެއިން ބޭރުނުވެ) މަސައްކަތް ކުރައްވައި އެމްޑީޕީން ވެފައިވާ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް ދެމިތިއްބަވާނެއެވެ.

ރޭގެ ބައްދަލުވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ހާޒިރު ވިއެވެ. އަދި ބައްދަލުން ނިންމާލީ އިއްޔެ އޮތް ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބުނު ފަރާތްތައް އިއުލާން ކުރުމާއެކު އެވެ. މި ބައްދަލުވުން ‘ދިއެފްއެމް’ އަދި ‘ދި ޓީވީ’ މެދުވެރިކޮށް ވަގުތުން ދުރަށް ފޮނުވިއެވެ.

އެމްޑީޕީގެ އާންމު ޖަލްސާއެއް އަންނަ ހަފުތާގައި ބޭއްވުމުގެ އިންތިޒާމް މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.