އެމްޑީޕީގެ ރައީސް ޑީޑީ އާއި ނައިބު ރައީސް އަލްހާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑީޑީ) އާއި، ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކުރީ މިއަދު ހަވީރު ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 104 ވަނަ ޖަލްސާގައެވެ.

މި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންހެން ވިދާޅުވީ އަލްހާން އާއި ޑީޑީގެ އަމަލުތައް، ޚާއްސަކޮށް މިފަހަކަށް އައިސް ހުންނަ ގޮތުން އެ ދެ ބޭފުޅުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑީޑީއާއި އަލްހާންއަށް އިތުރު ވަގުތު ދިނުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ ހުށަހެޅުއްވިއެވެ. ނަމަވެސް މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެގޮތަށް ފެންނަ ކަމަށް ވޯޓުދިނީ އެންމެ 7 މެންބަރުންނެވެ.

މިމައްސަލައިގެ ވޯޓަށް އެހުމުގައި ބައެއް މެންބަރުން އުސޫލީ މައްސަލަ ނެންގެވިއެވެ. އެ ގޮތުން ހިޔާލު ތަފާތުވީ ވޯޓަށް އަހާނީ ދެ މެންބަރުންނަށް ވަކި ވަކިން ތޯ ނޫނީ އެކީ އެކަށްތޯ ކަނޑައެޅުމާ ބެހޭ ގޮތުންނެވެ. މި ޚިޔާލު ތަފާތުވުންތަކަށް ފަހު އެންމެ ފަހުން ނިންމީ ވަކިވަކިން ވޯޓަށް އެހުމަށެވެ. އެގޮތުން ފުރަތަމަ އެއްސެވީ ޑީޑީއަށް އިތުބާރު އޮތްތޯ ބެލުމަށެވެ. ޑީޑީއަށް އިތުބާރު ނެތް ކަމަށް ފާސްވީ ޖަލްސާގައި އެވަގުތު ތިއްބެވި 73 މެންބަރުންގެ 72 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. އަލްހާނަށް އިތުބާރު ނެތްކަމަށް 73 މެންބަރުންގެ ތެރެއިން 69 މެންބަރުން ވަނީ ވޯޓުދީފައެވެ. 4 މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

ޑރ.ޑީޑީ އާއި އަލްހާންއަށް އިތުބާރު ނެތް ކަމަށް މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިމިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު އަދި އެ ޕާޓީގެ ސްޕޯކްސްޕާސަން، އިންޓަރނޭޝަނަލް ޙާމިދު ޢަބްދުލްޤަފޫރު ހުށަހަޅުއްވައި، އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަހުމަދު ތާޢީދު ކުރެއްވި ގަރާރަށް ބަހުސްކުރުމަށް ފަހުގައެވެ. (މި ޤަރާރަށް ތާޢީދުކުރައްވާ މެންބަރަކަށް ކުރިން ހަމަޖެހުނީ އެމްޑީޕީ މާފަންނު އުތުރު ދާއިރާގެ ރައީސް މުޙައްމަދު ޒިޔާދު ނަމަވެސް ފަހުން މި ޤަރާރަށް ތާޢީދުކުރައްވާ މެންބަރެއްގެ ގޮތުގައި ހަމަޖެހުނީ ޝިޔާމާ އެވެ.)

“މި ބާޣީ ސަރުކާރާއި ބެހޭގޮތުން 8 ފެބްރުއަރީ 2012 ގައި މިމަޖިލިހުން ޤަރާރެއް ފާސްކޮށްފައިވީހިނދު، އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މި ޕާޓީގެ މެމްބަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ ގޮތަށް އަމަލުތައް ތަކުރާރުކޮށް ބަހައްޓަވަމުން ގެންދަވާތީއާއި، ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރައްވަމުން ގެންދަވާތީވެ ޕާޓީގެ ރައީސް ޑރ.އިބްރާޙިމް ދީދީ އާއި ޕާޓީގެ ނައިބު ރައީސް އަލްޙާން ފަހުމީގެ މައްޗަށް އިތުބާރުއޮތްތޯ ބެލެމަށް ހުށަހަޅަމެވެ.” މިއަދު ހުށަހެޅުއްވި ޤަރާރުގައި ވެއެވެ.

އަލްހާނާއި ޑީޑީގެ އިތުބާރު ނެތްކަމަށް ފާސްވުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ އެމްޑީޕީގެ ރައީސް ކަމާއި، ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާކަން އިޢުލާން ކުރައްވާފައެވެ. އެއާއެކު އެ ހޯލުތެރޭގައި އެ ވަގުތު ތިބި އެމްޑީޕީގެ އާންމު މެންބަރުންވަނީ އުފާފާޅުކޮށްފައެވެ.

މިއަދުގެ ޖަލްސާއަށް ވަޑައިގެން ބަހުސްގެ މަރުހަލާގައި އަލްހާން ވަނީ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެހެން ނަމަވެސް ޑީޑީ މިއަދުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ. އަލްހާން ވެސް ވަނީ އޭނާގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ވޯޓަށް އެހުމުގެ ކުރިން ޖަލްސާއިން ވޯކްއައުޓް ކުރައްވާފައެވެ.