ރައީސް ނަޝީދު މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރައްވައިފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަދަނީ ޖަމިއްޔާތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މާލޭ ސިޓީ ހޯލުގައި އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ބާޣީ ސަރުކާރުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް ޑރ.މުޙަންމަދު ވަޙިދު ޙަސަން މަނިކުގެ ޤަރާރަކުން އުފައްދަވާފައިވާ އިންކުއިރީ ކޮމިޝަނަކީ މިނިވަން މުސްތަޤިއްލު ކޮމިޝަނަކަށް ހެދުމުގެ މުހިންމު ކަމާއި ބެހޭ ގޮތުންނެވެ. އަދި ޅަފަތުގެ ދުވަސްތައް ގުނަމުންދާ ރާއްޖޭގެ ޑިމޮކްރަސީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ ރަގަޅު ގޮތަކީ އަވަސް އިންތިޚާބެއް ބޭއްވުން ކަމަށް މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ކޮންމެ ވަގުތެއްގައި ވެސް އިންތިޚާބެއް ބޭއްވިދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ އަޑުއައްސަވާނޭ ކަމަށާއި، އެ ފަރާތްތަކާ އަބަދުވެސް ގާތްގުޅުމެއް ބާއްވާނޭ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.