ނޫސް ބަޔާން: ބާޣީ ސަރުކާރުން އާސަންދަ ހުއްޓާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އެމްޑީޕީން ނެރޭ ނޫސްބަޔާން

އެމްޑީޕީ ސަރުކާރުން “އާސަންދަ” ގެދަށުން ދިވެހި އެންމެހައި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ދިނުން ތަޢާރަފްކޮށް އެ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދެމުން ގެންދަނިކޮށް، އެޚިދުމަތް ހުއްޓާލުމަށް ބާޣީ ސަރުކާރުން ކުރަމުންދާ މަސައްކަތް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

ހިލޭ ބޭސް ފަރުވާގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ މައިގަނޑު އެއް ވަޢުދު ނުވަތަ ސިޔާސަތު ކަމުގައިވީހިނދު، 1 ޖެނުއަރީ 2012 ގައި މިވަޢުދު ފުއްދައި، މި ސިޔާސަތު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގެ ސަބަބުން ބޭސް ފަރުވާއަށް ސަލާންޖެހުމުގެ ސަޤާފަތް ނިމުމަކަށް އައިސް، ރައްޔިތުންގެ ހާސްކަންފިލާފައިވާތީ، އެމްޑީޕީގެ ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާޢީދާއި ރުހުން އިތުރުވުމުގެ އިތުރަށް ބައިނަލް އަޤްވާމީ ފަރާތްތަކުން ވެސް މިކަމަށް މަރުޙަބާކިޔައި ތަޢުރީފުކޮށްފައިވެއެވެ. ނަމަވެސް ބާޣީ ސަރުކާރު އައުމާގުޅިގެން ތަފާތު އެތައް ފަހަރެއްގެ މަތިން އާސަންދަ ހުއްޓުމަކަށް ގެނައުމަށް ވާހަކަދައްކައި އެމަގުން މަސައްކަތްކޮށްފައިވެއެވެ. އަދި ބާޣީ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރުވަނީ އެއްކަމެއްގެގޮތުން އައި.ޖީ.އެމް.އެޗް ފިޔަވައި ސިއްޙީ ޚިދުމަތްތައްދޭ އެހެން ހުރިހާ ތަންތަނުން އެޚިދުމަތް ކަނޑާލުމަށް ނިންމާފައެވެ.

އާސަންދަ ހިންގާނޭ ފައިސާ ސަރުކާރުގައި ނެތްކަމަށް ބުނެ ބަހަނާދައްކައި، ރައްޔިތުންނަށް ލިބެމުންދިޔަ ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ބާޣީ ސަރުކާރުން ހުއްޓާލާއިރު، ބާޣީ ސަރުކާރުގެ މޫނުމަތިރީތިކުރުމަށް އެކަނިވެސް ބޭރުގެ ޕަބްލިކް ރިލޭޝަން ބޮޑެތި ކުންފުނިތަކަށް އެތަށް މިލިއަން ރުފިޔާއެއް ކޮންމެ މަހެއްގެ މައްޗަށް ރައްޔިތުންގެ މާލިއްޔަތުން ދަނީ ޚަރަދުކުރަމުންނެވެ.

ދިވެހިރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުމުން މިނިވަންކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދެމުންދިޔަ ހިލޭ ބޭސްފަރުވާގެ ޚިދުމަތް ހުއްޓައިނުލުމަށާއި، ރައްޔިތުންނަށް ތަކުލީފުތަކާއި ހާސްކަން ނުޖެއްސުމަށް ބާޣީ ސަރުކާރަށް ތަކުރާރުރުކޮށް ގޮވައިލަމެވެ.

ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
ތަރުޖަމާން
7777852