ބަޣާވާތް ހިނގައިދިޔަ ގޮތް ވަރަށް ބޮޑަށް ސާފްވަމުން އެބަދޭ- އަސްލަމް

މިއަހަރުގެ ފެބުއަރީމަހުގެ 07ވަނަ ދުވަހު ރާއްޖޭގެ ދުސްތޫރީ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމާއި ގުޅިގެން ކަންހިނގާދިޔަގޮތް ދެނެގަތުމަށްޓަކާ މިހާތަނަށް ނެގިފައިވާ ބަޔާންތަކުންނާއި ވީޑިއޯ އަދި އޯޑިއޯ ކްލިޕްތަކުން އެ ބަޣާވާތުގެ ބައެއް ކަންކަން ވަރަށް ސާފްކޮށް އެނގެން އެބަހުރިކަމުގައި އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު މާލޭސިޓީހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންނަށް މިހާރު ހަމައެކަނި ނޭނގި އޮތްކަމަކީ މިބަޣާވާތުގައި ބައިވެރިވި ސިޔާސީ ފަރާތްތަކަކީ ކޮންބައެއްކަން، ކަމަށާއި މިތަޙުގީގު ނިމުމުން މިސުވާލުގެ ޖަވާބު ރައްޔިތުންނަށް ލިބިގެންދާނޭ ކަމުގައެވެ.

ބަޣާވާތް ހިނގައިދިޔަ ގޮތް ސާފުކުރުމަށް އެމްޑީޕީން ނަގާފައިވާ ޓީމުން މި ބަޣާވާތް ހިނގައިދިޔަ ގޮތް ހަމަލޮލަށް ފެނުނު ބައެއް މީސްމީހުންގެ ބަޔާން ނަގަމުން ގެންދާއިރު، އޭގެތެރޭގައި އާންމުންނާއި، ސިޔާސީ މަގާމުތަކުގައި އޭރު ތިއްބެވި ބޭފުޅުންނާއި ސިފައިންނާއި ފުލުހުންގެ ބަޔާން ވެސް ނަގަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި “މިހާތަނަށް ނެގުނު ބަޔާންތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަން ހިނގައިދިޔައީ ކޮންގޮތަކަށްކަން، ވީޑިއޯތަކުން ވެސް އެނގެން އެބައޮތް،” ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ޓީމުގައި އަސްލަމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ އަލްއުސްތާޛު ހަސަންލަތީފް އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ އަލްއުސްތާޛާ ޙިސާނު ޙުސައިން އެވެ.