އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހުށަހަޅަނީ

އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް މިއަދު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ހުށަހަޅާ ގޮތަށް ނިންމައިފިއެވެ.

މިއަދު ހަވީރު 4 ޖަހާއިރު ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 104 ވަނަ ބައްދަލުވުމަށް މި ޤަރާރު ހުށަހަޅުއްވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު އަދި އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދުޢަބަދުލްޣަފޫރެވެ. ތާއީދުކުރައްވަނީ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ.

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހުށަހެޅުމަށް ނިންމީ ބާޣީ ސަރުކާރާއި ބެހޭގޮތުން 8 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 100 ވަނަ ބައްދަލުވުމުގައި ފާސްކުރި ޤަރާރާއި ޚިލާފަށް، އެ ޕާޓީގެ މެމްބަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ ގޮތަށް ޑރ.ޑީޑީ އާއި އަލްހާން ތަކުރާރުކޮށް އަމަލުކުރައްވަމުން ގެންދަވާތީއާއި، އެމްޑީޕީގެ އިސް ދެ މަގާމެއްގައި ތިއްބަވައިގެން އެ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ އެވެ.