ނޫސް ބަޔާން

30 ޖޫން 2010

އަތޮޅުތަކުގެ އެމްޑީޕީ ދާއިރާތަކުން ނެރޭ ގުޅިފައިވާ ބަޔާން

ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައިގެން ވަދެ އެ މަޖިލީހުގައި ތިބި އިދިކޮޅުމެންބަރުން، ސަރުކާރު ހިންގުމަށް ދަތިކޮށް، ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، އެބޭފުޅުން ތިއްބެވި މަގާމުތަކުން އިއްޔެ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެބޭފުޅުން އެދެއްކެވި ލާމަސީލު ނަމޫނާއަށްޓަކައި، އަތޮޅުތަކުގެ އެމްޑީޕީގެ ދާއިރާތަކުން އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުމެން ދެކޭ ގޮތުގައި ވަޒީރުންގެ މަޖިލީހުން އެދެއްކެވީ އެއްބައިވަންތަކަމާއި، ހިތްވަރާއި، ކެރުމާއި، ހިކުމަތުގެ ލާމަސީލު މިސާލެކެވެ. އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރައްވައި، މި ލޮބުވެތި ޤައުމާއި ރައްޔިތުންނަށްޓަކައި އެބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީގައި ބައިވެރިވެ މިއޯގާތެރި ސަރުކާރު ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، ކަރަޕްޝަނާއި ފަސާދައިން ކަޅިވެފައިވާ އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކާ ގުޅިފައިވާ ކޮރަޕްޓް މަޖިލިސް މެންބަރުންނާ ދެކޮޅަށް އިޙުތިޖާޖުކުރުމަށް، މާލެ އަންނަން ޖެހުނު ކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ފުރިހަމަ ތައްޔާރީ ޙާލަތުގައިކަން މި ސަރުކާރަށް ޔަޤީންކޮށް އަރުވަމެވެ.
މި ޖިހާދުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެވަޑައިގެންނެވި ޤައުމީ ޤުރުބާނީއަށްޓަކައި އެ މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން ވަޒީރުން އުފުއްލެވި ޝަކުވާތައް، ވީހާވެސް އަވަހަށް ބައްލަވައި، ރާއްޖޭގައި އުފެދިފައި މިވާ ޤާނޫނީ ސަރުކާރުގެ ބާރުކަނޑުވާލައި، މިސަރުކާރު ވައްޓާލުމަށް ޙީލަތްތެރި ރޭވުންތައް ރާވަމުންގެންދާ އެންމެހާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ދެއްވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
މިފުރުޞަތުގައި ޤާނޫނު އަސާސީގެ ތަރަޙައިގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި އިސްލާމްދީނާއި ރައްޔިތުން ސަލާމަތްކުރުމަށް ދިވެހި ޤައުމީ ދިފާޢީ ބާރާއި، ފުލުހުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ވާހަކަވެސް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް