މެންބަރުންގެ ޚިޔާލު: މަގު އޮޅިއްޖެ- ފުނަމާ

30 ޖޫން 2010

ޤާނޫނީގޮތުން ރާއްޖޭގައި ހިނގަމުން މިދާ ސަރުކާރު ވެރިކަމަށް އައީ ބަޔަކާ އިއްތިޙާދުވެ ރައްޔަތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އިއްތިހާދުގެ ބައެއް ބައިވެރީން ބޭނުންވީ އެމީހުންނަށް ސަރުކާރުން ބައިއެޅުމަށެވެ. ދައުލަތުގެ އަމުރު މައުރޫފާއި މާލިއްޔަތު އެމީހުންގެ މުށުތެރެއަށް ލުމަށެވެ. މިކަމުގައި އެންމެ އިސްކޮށް ތިބީ ކުރީސަރުކާރުގެ ޚުދުމުޚްތާރު ސިޔާސަތުގައި ކަޅިވެ މައުމޫނުގެ ފަހަތުން ގުނބޯ ހެދިގެން ދުވުނު ޤާސިމާއި ހަސަން ސަޢީދެވެ. އެމީހުން ބޭނުން ގޮތަކަށް ޤައުމު ދީލާނުލުމުން ފޫހާކައި ނުކުމެ ތިމާމެންގެ ތަރިކައެއްކަމުގައި ދުށް ސަރުކާރުގެ ރައްޔަތުންނަށް މިއަދު އެގެންދަނީ ހަރާންކޯރުވަމުންނެވެ. ސަރުކާރު ހިންގުން ދަތިކޮށް ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ކުރެވޭން އޮތް ކޮންމެ މަސައްކަތެއް އެގެންދަނީ ކުރަމުންނެވެ. މިކަމުގައި ފޭލިވި ސަރުކާރުގެ އިސްސަފުގައި ތިބި ތަސްމީނާއި ޔާމީން އެތިބީ ފޫގަޅައި އެއްނަރަށް ބަނދެގެންނެވެ. ޤާސިމް ހިނގި މަގަކުންވެސް ނުހިނގާންބުނެ ތުއްތު ދޮންބެގެ މޫނުމަތީގައި ތަފާލެއް ޖަހާފައި ނުކުތް ޔާމީނު މިއަދު ޤާސިމާ އެއްސުފުރާމަތީން ކައިބޮއެ އެކުގައި އަރައި ނޫސްވެރީންނާއި ކުރިމަތިލުމުން ދިވެހީން ޙައިރާނެއް ނުވާނެއެވެ. ވެރިކަމަށް ބޫތުކެއުމުން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަން ދިވެހި ތާރީޚުން އެނގެއެވެ. މައުމޫނު މުސްކުޅިވެ އޭނާގެ ދަރީން ތިމަރަފުށީ މުސްތަފާގެ ގާތުންވެސް ކުރި ނުލިބޭ ހިސާބަށް ދިއުމުން ޤާސިމުގެ ރޭވުމުގައި ދޮންޖޭމު އުމަރު ޑީއާރުޕީއަށް ވައްދައި މައުމޫނާ ދިލަކޮޅު ފޯރާ ހުރިހާ އެންމެން ބޭރުކޮށް މުޅި ޑީއާރުޕީ އެއޮތީ ޤާސިމުގެ މުށުތެރެއަށް ލާފައެވެ. އަދި ޔާމީނާ އަތާ އަތްގުޅާލައި ތިމާމެންގެ ފީކުދާނަކަށް އެޕާޓީ ހަދައިފިއެވެ. އަދި މަޖުލީހުގައި އޮތް އަޣުލަބިއްޔަތުގެ ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް ފުރޮޅޭން އޮތް ގާބުރިއެއް ވިއްޔާ އެގެންދަނީ ފުރޮޅަމުންނެވެ. ވިސްނާލުން ހުއްޓެވެ. ޑިމޮކްރަސީގެ ޅަފަތުގައި އުފެދުނު ސަރުކާރު އެމެނިފެސްޓޯއަކުން ޙާސިލް ކޮށްދޭނެކަމަށް ރައްޔަތުންގެ ގާތު ވަޢުދުވި ކަންކަން ޙާސިލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފެނި އަދި، އެކަންކަން ޙާސިލް ކުރާނެކަން ޔަޤީން ވުމުން ދެން ތިމާމެންގެ ޗާލާކު ސިކުނޑީގެ މަޅީގައި ދިވެހީން ނުޖެހޭނެ ކަމުގެ ކޮޅުމަތި ފެނުމުން “އާނދޮގޭ” އޭބުނެ މިއަދު ފުންމައިގެން ނުކުމެ ފާޅުގައި ވެރިކަން ވައްޓާލާނެ ކަމަށް ގޮވަމުން ރައްޔަތުންގެ ވެރިކަމުގެ ބާރުތައް ނުޙައްޤުން އަތުލާން އުޅުމުން ސަރުކާރުން އެތަން ބަލާން މަޑުން އޮވެދާނެކަމަށް ހީކުރުމަކީ އެވެރީން ކިތަންމެ އިސްކޮޅުން ދިގަސް ތަސައްރަފު ނުފުދޭކަން އެނގޭ ކަމެކެވެ. އަދި ރައްޔަތުން މަޅީގައި ޖައްސާ މުޅި ރާއްޖެ ފަސާދައިގެ ތެރެއަށް ވައްޓާލުމަށް އެގެންގުޅޭ އެޖެންޑާ ކާމިޔާބުކުރުމަށް ވަގުންގެ ދަރުބާރު ހަދައި މުޅި ރާއްޖޭގެ ކުރިމަގު އޮޔާލުމަށް އެކުރާ މަސައްކަތް ހީލަހީލާ ބަލާން އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން އޮންނާނެ ކަމަށް ވިސްނުމަކީ އެއުރެންގެ ބޯހަމަ ނުޖެހޭކަން އަމިއްލަޔަށް އިއުލާނު ކުރުމެވެ. ޤާނޫނީ ސަރުކާރު ދެމެހެއްޓުމާ ރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތްކޮށް ދެމެހެއްޓުމަކީ ސަރުކާރުގެ ވާޖިބަކަށްވާހިނދު މިހިސާބަށް މިކަން ނުދަނީސް ފިޔަވަޅު އަޅާން ޖެހޭނެވެސްމެއެވެ. ސަބަބަކީ މިކުޅޭ ކުޅިގަނޑުގެ ސަބަބުން ނިކަމެތިކަން ލިބޭނީ ދިވެހިރައްޔިތުންނަށް ކަމުގައިވާތީއެވެ. ރާއްޖޭގެ ކުރިމަގު އުޖާލާވެ ރާއްޖޭގެ ޒަޢާމަތުގައި މިއަދު ތިއްބެވި ވެރީންނަށް ލިބެމުންދާ ރިވެތިނަމާއި ޝަރަފު އޮޑީންބޭލި ފަޅުވެރީންނަށް ހަޖަމު ނުކުރެވި އެވެރިންގެ ބާރުހުރި ދުވަހު އެއްކުރި މާލުން ރެވިތެޔޮ ގަނެ އުނގުޅައިގެން ނުކުމެ ތެޅިފޮޅުމުން ލިބޭ ހުރިހާ ގެއްލުމެއް މިލިބެނީ ދިވެހި ނިކަމެތި ރައްޔަތުންނަށެވެ. މިއަކީ ދިވެހީން ދެކޭން ބޭނުންވި ދުވަހެއްނޫނެވެ. އަތްފޯރާ ފަށަށް ކަންކަން ގެނައުމަށާއި އަނެއް ދިވެހި ރާއްޖޭގެ ތަސައްވަރު ފުރިހަމަވަމުން ދާތަން ހަމަލޮލަށް ފެނުމުން ހަޖަމުނުކުރެވިގެން ބަޔަކު އުޅުނެއްކަމަކު އެންމެނަކު އެކަމަކާ އެއްބަޔެއްވެސް ނުވާނެ ތާއެވެ. ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ކޮންމެ ގޮތަކުންވެސް ވައްޓާލާނެކަމަށް ފާޅުގައި ގޮވަމުންދާއިރުވެސް މިސަރުކާރުން ހިތްތިރި ކަމާއެކު ބަލާން އޮވެއްޖެތާއެވެ. މިއީ މީގެ ކުރީން ދިވެހިވެރިކަމެއްގައި ކުރި ކަމެއްނަމަ ވާނެގޮތް ނޭނގޭނެ އެކަކުވެސް މިރާއްޖޭގެ އުޑުބަޅުކުރެއްވި ހިސާބުގައި ނޫޅޭނެއެވެ. ރައްޔަތުން ވެރިކަމުގެ އަމާނާތް ޙަވާލުކުރި ފަރާތާ ނިސްބަތްކޮށް ގަނޑުވަރުގައި ބާރ ހަދައިގެން އުޅެއޭ ގޮވާ ހަދާއިރުވެސް ކެތްކޮށްގެން ތިބީތާއެވެ. ނަމަވެސް މިހިސާބަށް ދިއުމުން ދިވެހި ސަރުކާރުގެ ހިންގުމަށް ހުރަސްއަޅައި ރާއްޖޭގެ ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް މަސައްކަތް ކުރަމުން އެގެންދާ ޒާތީ ތަޢައްސަބާއި ވެރިކަމަށް ބޫތުކައިގެން އެއުޅޭ މީހުންނާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިސަރުކާރަށް ހަރުއަޑުން ގޮވާލަމެވެ. ސަރުކާރުން ވަކިމީހަކަށް އެއަރޕޯޓު ނުދިނުމަކީ އަތުގައި ލާރިފޮއްޗެއް އޮތަތީވެ ސަރުކާރު ވައްޓާލަން ނުކުންނާންވީ ކަމެއް ނޫނެވެ. އެހެނެއްކަމަކު ތިމާމެންގެ ބޯދަށުލާ ކަންނޭލަކަށް ރާއްޖޭގެ ސަރުކާރު ނުވުމުން ދެންހަމަ އެތިބަ ތެޅިމަރުވަނީ ހަމަ ރަވޯކައިގެންތާއެވެ.