އެމްޑީޕީގެ ސްޕޯކްސްޕާސަން ދެއްވާ ނޫސްކޮންފަރެންސް ވަގުތުން

13.00 ރިޔާސީ ނިޒާމެއްގައި ޕާޓީތަކުގެ ޝެޑޯ ކެބިނެޓެއް ނޯންނާނެ ކަމަށް އިންތި ވިދާޅުވި. އަދި އެމްޑީޕީގެ އަސާސީ ގަވައިދުގައި ވެސް ކެބިނެޓެއްގެ ވާހަކަ ނޯންނާނެ ކަމަށް އިންތި ވިދާޅުވި. އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ޝެޑޯ ކެބިނެޓެއްގެ ވާހަކަ ކުރިން ދައްކައި ޝެޑޯ ކެބިނެޓެއް އެކުލަވާލީ ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރި އިރު ކަމަށާއި އެހެން ނަމަވެސް ދިވެހިރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓުދިނުމުން އެމްޑީޕީން ވެސް މިހާރު އަމަލުކުރަމުންދަނީ ރިޔާސީ ނިޒާމާ އެއްގޮތަށް ކަމަށް އިންތި ވިދާޅުވި

12.55 ޕާޓީގެ މެންބަރުން ނޫނަސް ރާއްޖޭގެ ހުރިހާ މަސައްކަތްތެރީން މި ހިނގާލުމުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމަށް ހަސަން ލަތީފް ވިދާޅުވި. އަދި ވަކި ސިޔާސީ ފިކުރެއް ގެންގުޅޭތީ ވަޒީފާއިން ވަކިކުރުމުގެ ބިރު ޚާއްސަކޮށް ބައެއް ރިޒޯޓްތަކުގެ އޯނަރުން މުޥައްޒަފުންނަށް ދައްކަމުންދާ ކަމަށް ވިދާޅުވި.

12.50 މިގައުމުގައި ހިނގައިދިޔަ ޖަރީމާ ތަހްގީގް ކުރުމަށް ބަޣާވާތުގެ ސަރުކާރުން ބޭނުމެއް ނުވޭ. ބާޣީ ސަރުކާރަށް ހުރިހާ ބައެއް ގޯސް ކަމަށާއި، ގޯސް ނޫން ބަޔަކަށް ތިބީ 30 އަހަރުވަންދެން ޚުދުމުޚްތާރު ވެރިކަމެއްކޮށް، އެތައް ބަޔަކަށް އަނިޔާވެރިވި އާއިލާ އެކަނި ކަމަށް ހީވާ ގޮތަށް ބާޣީ ސަރުކާރުގެ އަމަލުތައް ހުންނަ ކަމަށް އިންތި ވިދާޅުވި. ކޮމަންވެލްތާއި، އެމްނެސްޓީ އިންޓަރނޭޝަނަލް އާއި، ބައިނަލްއަޤްވާމީ ދުނިޔެއާއި، އެމްޑީޕީގެ 50000 މެންބަރުންނާއި ދިވެހިރައްޔިތުން ވެސް ގޯސް ކަމަށް ބާޣީ ސަރުކާރުން ބުނަމުންދާ ކަމަށް އިންތި ވިދާޅުވި

12.40 މޭ ޑޭ ފާހަގަކުރުމަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެއި މަހުގެ 1 ވަނަ ދުވަހު ހިނގާލުމެއް ބާއްވާނޭ ކަމަށް ހަސަން ލަތީފް ވިދާޅުވި. އަދި މޭ ޑޭ އަކީ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ކަމަށްވާތީ އެ ދުވަހުގެ ހިނގާލުމުގައި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރައްވާނޭ ކަމަށް ވިދާޅުވި. އައިއެލްއޯ ގައި ރާއްޖެ ބައިވެރިވުމަށް ނިންމުމުން އެކަމަކީ އެހެންދީންތައް ރާއްޖެއަށް އައުމަށް މަގުފަހިވާނޭ ކަމެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ކަމަށް ހަސަން ލަތީފް ވިދާޅުވި. އައިއެލްއޯ އިން ރާއްޖޭގައި ވަރަށް ގިނަ ޕްރޮޖެކްޓް ކުރިޔަށް ގެންދާ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރު އައި ފަހުން އެ ޕްރޮޖެކްޓްތައް ހުއްޓުމުގެ ބިރު ހީވެފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި.

ސީ މެގުން ގޮވާލާފައިވާ ގޮވާލުމަށް ބާޣީ ސަރުކާރުން ފަރުވާކުޑަކޮށް އިޖާބަ ނުދީ ވާ ކަން ފާހަގަކުރެއްވި. އަދި މި ކަމުގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ އެކަމާ ކަންބޮޑުވެލައްވާ ކަމަށާއި، އެހެން ކަމުން ސީމެގްގެ ގޮވާލުމަށް އިޖާބަ ދިނުމަށް ބާޣީ ސަރުކާރަށް ގޮވާލެއްވި

12.35 ނޫސްކޮންފަރެންސް ފެށިއްޖެ. މިއަދުގެ ނޫސް ކޮންފަރެންސްގައި ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީގެ އިތުރުން އެމްޑީޕީގެ މަސައްކަތާއި އިޖުތިމާޢީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާ