ފުވައްމުލަކާ މެދު އިހުމާލުވީ ކޮންބައެއް؟

ފުނަމާ

ދިވެހިރާއްޖޭގެ އަތޮޅުތައް ގާނޫނީ ގޮތުން ބަހާލެވިފައިވާ ގޮތަށް ބަލާއިރު އެންމެ އެކަހެރިކޮށް އޮންނަ އަތޮޅަކީ އޮޅުމެއްނެތި އެނގޭގޮތުގައި ފުވައްމުލަކެވެ. ޖިއޮގްރަފިކަލް ގޮތުންވެސް މިކަންއޮތީ މިގޮތުގައެވެ. އެހެން އަތޮޅުތަކާއި މުޅީން އެކަހެރިކޮށް ހަމައެކަނި އެންމެ ރަށެއްގެ މައްޗަށް އެކުލެވިގެންވާ އެއަތޮޅަކީ ޒަމާނުއްސުރެވެސް އެކަހެރި ކުރެވިފައިވާ ރައްޔިތެއް ދިރިއުޅެމުން ގެންދާ އަތޮޅެކެވެ.

އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ތިންއަހަރުގެ ތެރޭގައި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީގެ މަޝްރޫޢުތަކެއް ހަލުއިކަމާއެކު ހިންގުމަށް ރޭވުނު ޕުރޮގްރާމްގެ ދަށުން ފުވައްމުލަކަކީ ޚާއްސަ ސަމާލުކަމެއް ދީގެން ތަރައްގީ ކުރާން ނިންމި އަދި، ގިނަގުނަ މަޝްރޫޢުތަކެއް ހިންގާންފެށުނު އަތޮޅެކެވެ. ނުވަތަ ރަށެކެވެ. ނަމަވެސް އެއަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނޭއްގާނީ މެންބަރުންނާއި އެމްޑީޕީގެ ސަރުކާރާއި އިދިކޮޅު ބައެއްގެ ނުފޫޒުގެ ސަބަބުން އެރަށުގެ ތަރައްގީއަށް ސަރުކާރުން ކުރާން ނިންމި ކޮންމެ ކަމަކަށް އައީ އެތަކެއް ހުރަސްތަކެއް ކުރިމަތި ކުރުވަމުންނެވެ.

އަތޮޅާއި އެކަށީގެންވާ ބޮޑު އާބާދީއެއް ދިރިއުޅެމުން ގެންދާ ފުވައްމުލަކަކީ ތާރީޚީ ގޮތުން ފާހަގަ ކުރެވޭ ރަށެކެވެ. ހަމައެހެންމެ ރާއްޖެ ދުށް އެތަކެއް މަޝްހޫރު ޢިލްމު ވެރީންނެއް ވެސް ނިސްބަތްވާ ފަސްގަނޑެކެވެ. އަރައިފޭބުމުގެ ދަތިކަމާއި ނުރައްކާތެރިކަމުގެ ސަބަބުން އެތަކެއް ފުރާނަޔާއި އެތައްބައެއްގެ މުދާތައް ގެއްލިގެން ގޮސްފައިވާ ހިތާމަވެރި އެތަކެއް ހާދިސާތަކެއް ފުއައްމުލަކުގައި ތަކުރާރުވެފައިވެއެވެ. ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކުން ފުވައްމުލަކާމެދު މާބޮޑު އަޅާލުމެއް ނެތްކަމުގައި ދަންނަވާން ޖެހެއެވެ. ސިޔާސީގޮތުން ވެރިކަމަށް އައުމުގެ ނިޔަތުގައި އެއަތޮޅުގެ ރައްޔިތުން އެތަކެއް ފަހަރު “ޅޮސް އުނދޯއްޔަށް ” އަރުވައި އެތަކެއް ހުވަފެންތަކެއް މާޟީގައި ދައްކައި ދީފައިވާކަމީ ފާޅުވެ އެނގޭންއޮތް ހަގީގަތެކެވެ. އަނިޔާވެރި ޚުދުމުޚުތާރު މައުމޫނުގެ ތިރީސްއަހަރުގެ ވެރިކަމުގައި އިންތިޚާބާއި ކައިރިކޮށް އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ވެދީފައިވާ ދޮގު ބުހުތާން ވައުދުތައް ފަދައިން ކޮންމެ ފަސްއަހަރަކުން އެއްފަހަރު ގިނަގުނަ ވަޢުދުތަކެއް ގެންދިޔައީ އެރަށުގެ ރައްޔިތުންނަށްވެސް ދައްކަމުންނެވެ. މިގޮތުން ބަލާއިރު ފުވައްމުލަކުގެ އެއަރޕޯޓަކީ ދޮގާއި މަކަރުން ފުރިގެންވީ ތިރީސް އަހަރުގެ ވެރިކަމުގައި ފުވައްމުލަކަށް ދެއްކި އެންމެ ވޭންދެނިވި އަހުވަ ކަމުގައި ވެގެން ދިޔައެވެ. ރަށުގެ ރައްޔިތުން ދަނޑުގޮވާން ކުރަމުން ގެންދިޔަ ބިމުގެ ބޮޑުބައެއް އެކަމުން މަހުރޫމުކުރުވައި އެއަރޕޯޓުގެ އަނދުން ރައްޔިތުންގެ ލޮލުގައި އަބަދުމެ ގެންދިޔައީ އަޅުވަމުންނެވެ. ނަމަވެސް ” ނުމިޔި ނުދިރި” އެކަމެއް އޮންނަތާ ކިތަންމެ އަހަރެއް ފަހުން އެމްޑީޕީގެ ވެރިކަން އައިސް 3 އަހަރުގެ ތެރޭގައި ފުވައްމުލަކުގެ ރައްޔިތުން ދެން ހަގީގަތަކަށް އަމުދުން ނުވާނެ ކަމުގައި ހީކުރަމުން ގެންދިޔަ އެއަރޕޯޓު އަޅައި ނިންމައި އެރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނުވާދީފިއެވެ.

އެމްޑީޕީގައި ހިމެނޭ ހަމައެކަނި ފުވައްމުލަކުގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރު ޝިފާގު މުފީދުގެ އަޒުމާ އެރަށުގެ އެމްޑީޕީގެ ހީވާގި މެންބަރުންގެ ދެގޮތެއްނުވާ ހިއްވަރާއެކު ދެންތިބި މެންބަރުންނާއި އިދިކޮޅު ހުރިހައި ފަރާތްތަކެއްގެ ދުއްތުރާތައް ގިރާކޮށް އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ނިންމުނެވެ. އެރަށުގެ ސަރަހައްދެއް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައި ޓުއަރިސްޓު ރިޒޯޓެއް ތަރައްގީކުރުމަށް ނިންމައި އެމަސައްކަތުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހައި ތައްޔާރީ ތަކެއް ފެށިގެން ދިޔައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެ އަންގައި ދެމުން ގެންދިޔައީ މިކަންކަމަކީ އިސްލާމްދީން ނައްތާލުމަށް އެމްޑީޕީ ސަރުކާރުން ހިންގާ ކަމެއް ކަމުގައެވެ. އަދި އެމީހުންގެ ބަސްއަހާ މީހުންގާތު އަބަދުވެސް ބުނަމުން ގެންދިޔައީ އެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ. އަދި ކޮންމެ ގޮތަކުންވެސް ސަރުކާރު ބަދަލުކޮށް އޭގެފަހުން ފުވައްމުލަކުގެ ކަންކަން މާރަނގަޅަށް ކޮށްދޭނެ ކަމުގައެވެ. މިއަޑުތައް އެހިބަޔަކު އަހައި އެގޮތަށް ޖެއްސުން ކުރުމުގައި ދެމިތިބިވެސް މެއެވެ.

އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ ކޮންމެ ގޮތަކުން ނަމަވެސް ސަރުކާރު ވައްޓާލާނެ ކަމުގައި ގޮވަމުން ގެންދިޔަ މީހުން އެންމެ ފަހުން ބަޣާވާތަކުން ސަރުކާރު ވައްޓާލައި މިއަދު މިއިވެނީ ފުވައްމުލަކުގައި ވެސް އެމްޑީޕީގެ ސަރުކާރުން ހިންގާންފެށި މަޝްރޫއުތައް ” ފައިސާ ނެތިގެން ހުއްޓާލާ ވާހަކައެވެ. އިޚުލާސްތެރި ނިޔަތެއް އަމުދުންނެތް ކޮންމެ ބަޔަކަށް ކަންކުރެވޭނީ ވެސް އެހެންތާއެވެ. ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ދަޅަދައްކާން ބާޣީންނަށް ހިތްވަރުދިން މީހުން ނުކުމެ މިއަދު އެގެންދަނީ ރައީސްއޮފީހުގައި ގޮނޑި ޖަހައިގެން ތިބެ ޑުރާމާ ކުޅެމުންނެވެ. ” ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ފުވައްމުލަކަށް އެއްވެސްކަމެއް ކޮށްނުދޭކަމުގައި ދައްކަމުން ގެންދާ މޮޔައިން ނުވަތަ ބާޣީންނަކަށް އެ 3 އަހަރުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން ފުވައްމުލަކުގެ ރައްޔިތުންނާއި އަޅާނުލާ މިންވަރަށް އަޅާލިކަމެއް ނޭނގެއެވެ. ނޫނީ ހަނދާނެއް ނެތެވެ. ނޫންނަމަ ހަމަ ނުބައި ނުލަފާ އިޔަހޫދިކަމުން އެގޮތް ދައްކާން އުޅެނީއެވެ.

ކުރީންވެސް މުޅީން މަގުސީދާ ނުވެގެން އުޅެން ޖެހުނު މީހުން މިއަދުވެސް ޝައްކާއި ވަހުމުން ފުރިގެން ނުވަތަ، އަމިއްލަ އެދުމުން ފުރިގެން ނަމަވެސް ފުވައްމުލަކުގެ ރައްޔިތުންގެ ކުރިމަގު ބަންދުކޮށްލައި ހާލުގައި ޖައްސާލުމަށް ބާޣީ ސަރުކާރުން ރާވަމުން ގެންދާ މަޅީގައި ފިސާރި ރަނގަޅަށް މިހާރު ޖެހެން އުޅޭހެން ހީވާކަހަލަ މަންޒަރުތައް ފެނި، ތަކުރާރުވަމުން މިއަދު ހަމަ ޔަގީނުންވެސް އެބަދެއެވެ. އެގޮތުން އެންމެ ބޮޑަށް އެމްޑީޕީއަށް ޝުކުރުވެރި ވާންޖެހޭނެ ބައެއް ފަރާތްތަކުންވެސް މިއަދު ގެންދަނީ ފާޑުފާޑުގެ ޝައްކުތައް ކުރިމަތި ކުރުވަމުންނެވެ. މަސްދާނީ ފެންއޮތް ތަނަށޭ ބުނެ ނަގޫދަމައި ދުވާތަނެވެ.
މިހުރިހައި ކަމެއް މިގޮތުގައި ހިނގަމުން ނުވަތަ، ހިންގަމުން ގެންދިޔަ ނަމަވެސް އެމްޑީޕީއަށް ސަޕޯޓުކުރާ ފުވައްމުލަކުގެ އެންމެހައި މެންބަރުން ނަށްވެސް މިވަމުންދަނީ ކީއްކަން އެބައެނގެއެވެ. އެހެންކަމުން ފުވައްމުލަކުގައި އޮތް އެމްޑީޕީގެ ރޫހަކީ ހަމަޔަގީނުންވެސް އެއަތޮޅުން ފަހާލެވޭނެ އެއްޗެއް ނޫންކަން ޚުދު ބާޣީންނަށްވެސް އެނގި ހާވަވަމުން މިއަދުވެސް މިދަނީ ކުރިޔަށެވެ. އިރާދަފުޅާއި މިންވަރު ފުޅުން އެމްޑީޕީގެ އަތުން ވެރިކަން ފޭރިގަނެގެން މިތިބަ ބާޣީން ގޮތްހުސްވެ ނެތިދިއުމުގެ ވަގުތުކުޑަތަން ވަމުން ދާއިރު އަލުން އެމްޑީޕީން ސަރުކާރެއް ހިންގާން ފެށުމުން ﷲގެ މިންވަރުފުޅުން ފުވައްމުލަކުގެ ރައްޔިތުންގެ ފުރިހަމަ މަގާމު އެވެރިންނަށް ލިބިދޭނެކަމާ މެދަކު ހަމަ އެކަކުވެސް ޝައްކެއް ނުކުރާނެއެވެ.

މިއަދު މާފަތަރާސީ ވެފައި މުނާފިގުންގެ އެދުރުން އަރައި ތިބެގެން އެގޮވާ ގޮވެލިތަކެއް ގޮވަމުން ގެންދާއިރު ފުވައްމުލަކާ އެއަތޮޅުގެ ރައްޔިތުންނާއި މެދުގައި އަނިޔާވެރިވީ ކޮންބައެއްކަން މީހަކު ނުބުންޏަކަސް އެންމެންނަށްވެސް އެބަ އެނގެއެވެ. އަނިޔާއާއި، ދޮގާއި މަކަރުން ރައްޔިތުން އޮބިއަޅައިގެން ތިރީސް އަހަރު ވަންދެން ވެރިކަންކުރި މައުމޫނަކަށް އަދި، ކިއެއްތަ މިއަދު މިއޮތް މައުމޫނުގެ ގޮނޑިކޮއްކޮ ސަރުކާރުގެ ބާޣީންނަކަށްވެސް ދިވެހި ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައެއް ނުދެވޭނެއެވެ. އެއްގޮތަށް ވުރެ ގިނަގޮތްގޮތުން އެހަގީގަތް މިދަނީ ހާމަވަމުންނެވެ. އާއެކެވެ. ފުވައްމުލަކުގެ ރައްޔިތުންނާއި އެއަތޮޅަށް އިހުމާލުވީ ހަމަ މިއަދު ބާޣީ ސަރުކާރުގައި އެތިބަ ގަޅި ގަބުޅީންނެވެ. އެމްޑީޕީ އަކުން ނުވަތަ އެމްޑީޕީގެ ސަރުކާރަކުން ނޫނެވެ.