ގދ. ހޯނޑެއްދޫ އެމްޑީޕީ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފި ސައްޚަކުރުމުގެ އިންތިޚާބް ބާއްވައިފި

ގދ. ހޯނޑެއްދޫ އެމްޑީޕީ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފި ސައްޚަކުރުމުގެ އިންތިޚާބް ބާއްވައިފިއެވެ.

މިއަދު މެންދުރު ފަހު 2 އިން ފެށިގެން ހަވީރު 4 އާއި ދެމެދު ކުރިއަށް ދިޔަ މި އިންތިޚާބްގައި، މި ގޮފީގެ ރައީސް އަދި ނައީބް ރައީސްގެ މަގާމަށް ވާދަކޮށްފައިވަނީ އެންމެ ބޭފުޅެކެވެ. ރައީސްކަމަށް ވާދަކޮށްފައިވަނީ ގދ. ހޯނޑެއްދޫ ފޫޅުމާގެ، އަލްފާޟިލް އަޙްމަދު އާދަމްއެެވެ. އަދި ނައީބް ރައީސްގެ މަގާމަށް ވާދަކޮށްފައިވަނީ ކުރީގައިވެސް މިގޮފީގެ ނައީބް ރައީސްކަން ކުރެއްވި ގދ. ހޯނޑެއްދޫ ދިލްކަޝްވިލާ ޝަމްއޫން އާދަމްއެވެ.

ގޮފީގެ 50 މެންބަރުންގެ ތެރެއިން 26 މެންބަރުން ވަނީ މިއިންތިޚާބްގައި ވޯޓްލާފައެވެ. ރައީސް ކަމަށް ވާދަކުރެއްވި އަޙްމަދު އާދަމް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި ނައިބު ރައީސް ކަމަށް ވާދަކުރެއްވި ޝަމްއޫން އާދަމްއަށް ލިބިވަޑައިގަތީ 24 ވޯޓެވެ.

2010 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ޤަވާއިދަށް ގެނެވުނު އިސްލާހުގައި ބުނާގޮތުން ގޮފީގެ ހިންގާކޮމެޓީ ހިމެނެނީ ރައީސްއާއި ނައީބް ރައީސްއެވެ. ހޯނޑެއްދޫގައި ޖުމްލަ 6 ގޮފި އުފެދިފައިވާއިރު މިގޮފީގެ އިތުރުން 5 ގޮފި ވަނީ ސައްޚަނުކުރެވި އެވެ. ގޮފިތައް ސައްޚަކުރުމަށް ގޮފިތަކުގެ ކުރީގެ ރައީސުންނަށް އަަންގާފައިވާނެކަމަށް އެމްޑީޕީ މަޑަވެލި ދާއިރާއިން މަޢުލޫމާތުދެއެވެ.