ކެބިނެޓް އިސްތިއުފާއާ ބެހޭ ކޮމިޓީގެ ނަމުގައި އެމްޑީޕީ އިން ކޮމިޓީއެއް އެކުލަވާލައިފި

30 ޖޫން 2010

“ކެބިނެޓް އިސްތިއުފާއާ ބެހޭ ކޮމިޓީ” ގެ ނަމުގައި އެމްޑީޕީން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރޭ އޮތް އެޕާޓީގެ ގައުމީ މަޖިލީހުގެ 79 ވަނަ ޖަލްސާގައި ނެގި 5 މެންބަރުންގެ މިކޮމިޓީ ގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ އާއި، އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ޙަސަން އަފީފް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާޙީމް މުޙައްމަދު ޞޯލިޙް އެވެ.
މިކޮމިޓީއަކީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެމްޑީޕީން ޢަމަލުކުރާނޭ ގޮތް ކަނޑައަޅައި، ޕާޓީގެ ޙަރަކާތްތައް ކުރިޔަށް ގެންދާނޭ ގޮތަކާއި މެދު މެންބަރުންނަށް ލަފާއެރުވުމަށް އުފައްދަވާފައިވާ ކޮމިޓީއެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ކެބިނެޓް އިސްތިޢުފާދިނީ ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންގެ ވުޒާރާތަކަށް އެއްބާރުލުން ނުދީ ސަރުކާރަށް ދަތިކުރުމަށް އެމަޖިލީހުން މަސައްކަތްކުރާ ކަމަށް ބުނެއެވެ.