އަވަސް އިންތިޚާބަކަށް ގޮވާލައި އިއްޔެ ވެސް މުޒާހަރާކޮށްފި

އަވަސް އިންތިޚާބަކަށް ގޮވާލައި “ކޮމަންވެލްތާ އެކު ރައްޔިތުން” ގެ ނަމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި އިއްޔެ އެމްޑީޕީން މުޒާހަރާ ކޮށްފިއެވެ.

ކުރީ ހަފްތާގެ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއެކޭ އެއްފަދައިން އަވަސް އިންތިޚާބަކަށް ގޮވާލައި ކޮމަންވެލްތުން ގޮވާލިގޮވާލުން ބާޣީ ސަރުކާރަށް އިއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި އިއްޔެ އެމްޑީޕީން ވަނީ މުޒާހަރާތައްކޮށްފައެވެ.

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު މުޙަންމަދު ނަޝީދު ވެސް އިއްޔެގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ގދ. ތިނަދޫ ގައި ބޭއްވި މުޒާހަރާގައެވެ. މި މުޒާހަރާގައި ތިނަދޫގެ އިތުރުން އެއަތޮޅު އުތުރުބުރީ ކޮލަމާފުށިން ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.

އިއްޔެ މަލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މުޒާހަރާގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު މައުސޫމާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ..