މިކުރެވުނީ ކީއްބާއޭ މިހާރު އެވެރިން ހިތަށް އަރައެވެ!

ފާތިމަތު ޝަހީދާ

ޤައުމެއްގެ ރައްޔިތުންނާ ހެޔޮގޮތުގައި އަޅާލެވޭނީ ރަގަޅު ރިވެތި އުސޫލުން މިނިވަންކަމާއެކު ހޮވޭ ހެޔޮ ވެރިކަމެއްގެ ތެރެއިންނެވެ. ފަރުދުންގެ ހަމަހަމަކަމާއި، މިނިވަންކަމާއި، އިންސާފުވެރިކަމާއި، ޤާނޫނުގެ ހަމަހަމަކަން، މިއީ އެފަދަ ޤައުމެއްގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކެވެ. ދިރިއުޅުމުގެ ރަގަޅު ވައްޓަފާޅީގައި ހިމެނޭ ރިވެތި އާދަކާދައާ، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ހެޔޮ ބަސްމޮށުންތެރިކަމާ، ޢިލްމު އުނގެނި ޙިލްމް ހޯދާ ގޮތްތަށް އެއީ އާއްމު މުޖްތަމަޢު ތަކުގައި ހުންނަ އާއްމު ދިރިއުޅުމުގެ ރަގަޅު މީހުން ގެންގުޅޭ މިންގަޑުތަކެވެ. ބަޔަކު އުޅޭ ރީތި ގޮތް ދަސްކުރެވި ރިވެތި އާދަ ކާދަ ބައެއްގެ ތެރޭގައި އަށަގަނެ އެ ރީތި ގޮތަށް އުޅެވޭތޯ ގިނަ މީހުން ބަލާނެއެވެ. ކަންމިހެން ހުރިކަމުގައިވީނަމަވެސް މުޖްތަމަޢު އެއް ފުރިހަމަ މިވަނީ މިހުރިހާ ކަމަކާ ޙިލާފު ގޮތަކަށް އުޅޭ ބަޔަކުވެސް އެ މުޖްތަމަޢު އެއްގައި ހިމެނިގެންނެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ދިރިއުޅުމުގެ ރަގަޅު ސުލޫކީ މިންގަޑުން ބޭރުގައި އުޅޭ ބަޔަކު އަބަދުމެ އުޅެއެވެ. މިގޮތުން މިފަހަކަށް އައިސް އަޅުގަނޑުމެންގެ ރާއްޖޭގައި މިފެނުނީ ވެށީގެ ދިރި ހަލާކު ކުރަމުންދާ ބާޣީން ފާވި ތަނެވެ.

މި ބާޣީންގެ ވާހަކަ މިއީ މިހާރު ބާ ވާހަކައެކެވެ. ނަމަވެސް ދުވަސްތައް ދައުރުވަމުން ދާދިއުމުގައި މި ބައިގަނޑުގެ ކަންކަން މިހިރަ ދަނީ ހައްދު ފަހަނައަޅައެވެ. ކޮމަންވެލްތެއް، ޔޫއެންއެއް، އައިޕީޔޫއެއް، ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކަށް ބެލުމެއްނެތި ފުރައްސާރަކޮށް ކޮޅުފައިން ޖަހަމުން މިއޮށްގެން ދަނީއެވެ. އަމިއްލައަށް ކަސްތޮޅު އެޅިގެން ތިބި ބާޣީންނަށް ކުރެވޭ ނުކުރެވޭ ނޭނގި މިކުރާ ހަޑިމުޑުދާރުކަމުން މި ބައި މީހުންނާ ހެދި މިހާރު މިދިމާވަނީ މާ ހިތި ހިތާމައާއެވެ. މި މީހުންގެ ތެރޭގައި ތިބި ހަމައެއްލަމައެއް ނުދަންނަ، އާއްމު މައުލޫމާތުގެ މިންވަރެއްވެސް ނޭނގޭ، ދުނިޔެ ހިނގާ އުސޫލަށް ބީރައްޓެހި، ކަނު އަނދިރިވެފައިވާ، މި އެންމެންގެ ނަހަމަ ގޮވެލީގެ އަޑު ގަދަވެ، ކިޔޭ ނުކިޔޭ ހިސާބަށް ދިޔައީއެވެ. ކަންވާނީވެސް އެހެންތާއެވެ. ކުޑަނަމަވެސް ވިސްނުމެއް މި މީހުންގެ ހުރިނަމަ އަމިއްލައަށް މިވަޅުގަނޑަކަށް ނޭރުނީސް ވިއްޔާއެވެ. ޤާނޫން އަސާސީ އާ އިދިކީލިކޮށް ވެރިކަން ފޭރިއެއް ނުގަތީސް ވިއްޔާއެވެ.

ގަދަކަމުން ވެރިކަން ފޭރިގަނެގެން ތިޔަ ކުރާ އަނިޔާވެރިކަމުގައި ރައްޔިތުންނަށް ހޯދައިދެވުނީ ކޮން މޮޅެއްހެއްޔެވެ؟ ތިމާގެ އަމިއްލަ ޤައުމުގައި ރައްރަށަށް އަރާ ފައިބާ އުޅޭ ގޮތް ނިކަން ދެކިބަލާށެވެ. ޤައުމުގެ ދިފާއީ ބާރާ ރައްޔިތުންގެ ސަލާމަތަށް ޙިދުމަތް ކުރަން ތިބި ފުލުހުން ގޮވައިގެން ގަދަކަމުން ރަށްރަށް އަރާ ފައިބާ އުޅޭއިރު ކުޑަކޮށްވެސް ވިސްނާލާ ލަދު ހީވަން އެންމެރަގަޅު ނޫން ހެއްޔެވެ. ރަށްރަށަށް އަރާ ރައްޔިތުންނަށް ބިރުދައްކާ، ކަންކަން ކުރުން މަނާކޮށް، ރައްޔިތުން ފިތުނައިގެ ތެރެއަށް ވައްދާ، ސުލްހަ މަސަލަސްކަން ނަގާލާ، ރައްޔިތުންނަށް ލިބިދީފައިވާ އެތައް އެތައް ޙައްގެއް ރައްޔިތުންގެ އަތުން ނިގުޅައިގަނެގެން ތިޔަ އުޅެނީ ކޮންޙައްގަކުންހެއްޔެވެ. ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދި ރަށުގެ ޢާންމު މަޞްލަހަތު ގެއްލިގެން ހިނގައިދާ ގޮތަށް ކަންކަން އާދަ ކުރަމުން ތިޔަހަރަގެން ގެންދަނީ ނުބައި ވިސްނުން މުޖްތަމަޢުއެއްގެ ތެރޭގައި އަށަގަންނުވަންކަން ހަމަ ކަށަވަރެވެ. އަޅެ ފަހެ ތިޔަކުރަނީ ބަލާވެރިކަމެއް ނޫންހެއްޔެވެ؟ ނޫނީ އަނިޔާ ވެރިކަމެއް ނޫންހެއްޔެވެ؟ ހަމަގައިމުވެސް ތިޔަ ވެރިކަމަކަށް ހެޔޮވެރިކަމެކޭ ނުކިޔާނެއެވެ.

އަދި ހަމަ އަވަސް އަރުވާލައިގެން އުޅޭވަރު ނިކަން ދެކިބަލާށެވެ. ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކަނޑާ މިންވަރާ ދޭތެރޭ ވިސްނާލަބަލާށެވެ. ޝަރުއީ މައްސަލަތައް ގަޑުބަޑުކޮށް ރައްޔިތުންނަށް އިންސާފު ލިބިދިނުމުގައި ނަހަމަ އުސޫލުން މައްސަލަތައް ކޯޓަށް ވައްދާ ނެރެ، ޙުކުމް ކުރުމުގައި މީހުންގެ މޫނަށް ބަލާ މައްސަލަތައް ނިންމާ އުސޫލު ވަރުގަދަ ކުރުވައިފިއެވެ. ބައެއް ހާލަތްތަކުގައި ތަންފީޒީ މަރުހަލާ އެއީ އޮންނަ ކަމެއްކަން ވެސް ނުދަނެ ސާބިތު ޙުކުމްތައް ބާތިލު ކުރަމުން އަންނަތަން ނިކަން ދެކިބަލާށެވެ. ރައްޔިތުންގެ މަޖްލީސް ކުރާގޭގެ ހުރުމަތް ކަނޑާ ގޮތް ނިކަން ދެކިބަލާށެވެ. 45 ކުން 45 ކޭ ބުނެ ވޯޓުދީ ރުހުންދީ ނިންމަމުން ދާއިރު މިއީ މުޅި ޤައުމުގެ ރައްޔިތުން ތަމްސީލުވާ މަޖްލީސް ކަން ކުޑަކޮށްވެސް ވިސްނާނުލައެވެ. މުޅި ރައްޔިތެއްގެ އިޙްތިރާމް ކަނޑާލާ އެންމެންގެ ގައިގައި ކޮޅުފައިން ޖަހަމުން ދާގޮތް ނިކަން ދެކިބަލާށެވެ. ޤައުމުތަކުގެ ސިޔާސަތުތަކާ ހިންގުމުގައި އެއްބަސް ވެވި، އެއްގޮތްކަމެއް ހުރެ، ހުރިހާ އެންމެންހެން އެކައްޗެއް ކިޔާ، ނިންމުންތަކުގައި މެޖޯރިޓީއަށް ތާއީދުކޮށް ހެޔޮ މިންވަރަށް ބޯލަބާ އުޅޭ މީހުންގެދުނިޔެ ލާ މެހި ދުނިޔެ ކުޑަވެ، ހިނދުން ހިނދަށް ހިނގާ ކަންކަން އެގި ފެނިވާ ހިނދު، ދުނިޔޭގެ އާދަޔާ ފަލްސަފާ ނޭގިމިބައިމީހުން މި އުޅެ ގަންނަ ގޮތުން މިއީކީ އަދި ތަޙްޒީބު ޒަމާނުގެ ބައެއް ނޫން ޔަގީންވެއެވެ.

އެވޭލާ ބޯދާ ޒަމާނުގެ ޖަންގަލީގެ ވިސްނުމުގައި މިބައިމީހުން މިކިޔާ އުޅޭ އެއްޗިހިންނާއި، ކުރާކަންތަކުން ބޭޒާރުވާ މިންވަރާ ދޭތެރޭ ވިސްނާލާއިރު ބަސް މޮށެ އުޅުމުގެ އާދައަށް ބީރައްޓެހި މިންވަރު ފެނި ލަދުގަންނަވަރުވެއެވެ. ކޮންމެ މީހަކީބޭރުގެ ބީރައްޓެހި ބަސްތަކަށް އެންމެ މޮޅު މީހަކަށް ވާކަށް ނުޖެހެއެވެ. އެހެން ނަމަވެސް އަނގަ ހުޅުވުމުގެ ކުރިން މީހަކު ބުނި އެއްޗެއް އެބުނީ ކޮން މާނައެއްގައި ކީއްވެގެންތޯ ބަލާ ލުން ބުއްދިވެރިނޫންތޯއެވެ. ނުބައި އަނިޔާވެރިކަމެއްގައި ތިބި ބަޔަކު ތިމާމެންނަށް މިކުރެވެނީ މާމޮޅު ވެރިކަމެއްކަމަށް ޤަބޫލު ކުރެވިގެން ހަސަދައިގެ ހިތްވަރުގައި އަނެކާއާ ތިޔަ ދިމާކޮށްގަންނަނީ ވަކިވަރެއް ބަލައިގެންނެއް ނޫންވިޔައެވެ. އަދިވެސް މަމޮޅު އެއީ އެންމެ މޮޅު ނޫންކަން ޤަބޫލުކުރާކަށް ނުވޭހެއްޔެވެ؟ މަމޮޅު ހެދިގެން އުޅޭ ގުބޯލުންގެ އުސޫލު ތިޔަ އެންމެންނަށް އެގޭ ހެއްޔެވެ؟ ދޮލަގެއްގެ ތެރެއަށް ގުބޯލެއް ލައިގެން ގުބޯލާ ގުބޯލާއޭ ކިޔާ އެ ގުބޯ ނެއްޓުވުމުން ގުބޯ ނަށާ އުސޫލުން ގުބޯލު ހެދިގެން ތިޔަހަރަ އުޅޭގޮތް ނިކަން ދެކިބަލާށެވެ. އަމިއްލަ އިޙްތިޔާރުން ބޭރުން ހުރިހާ ކަމަކަށް އެއްބަސް ވާން މަޖަބުރުވަނީއެވެ. ރަށު ރައްޔިތުންނާއި ބޭރުގެ ނިންމުން ތަކުގައި ކޮޅުފައިން ޖެހުން ނޫން ކުރެވޭނެ އެހެން އެއްވެސް ކަމެއް ނެތް ވިއްޔާއެވެ. ގުބޯލާ ގުބޮލާ އޭ ބުނުމުން ނެށުން ނޫން ގޮތެއް ނެތުމުން ބަޔަކުމީހުން ހަމަ ނަށާށޭ ބުނާ އިރަށް ތިޔަ ނަށަނީ ވިއްޔާއެވެ.