“ކޮމަންވެލްތާ އެކު ރައްޔިތުން” ގެ ނަމުގައި މިއަދު ވެސް އެމްޑީޕީން މުޒާހަރާ ކުރަނީ

އަވަސް އިންތިޚާބަކަށް ގޮވާލައި “ކޮމަންވެލްތާ އެކު ރައްޔިތުން” ގެ ނަމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި މިދިޔަ ހުކުރު ދުވަހެކޭ އެއްފަދައިން މިއަދު ވެސް އެމްޑީޕީން ބާއްވާ މުޒާހަރާ އޮންނާނެއެވެ.

މި މުޒާހަރާއަކީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއެކޭ އެއްފަދައިން އަވަސް އިންތިޚާބަކަށް ގޮވާލައި ކޮމަންވެލްތުން ގޮވާލިގޮވާލުން ބާޣީ ސަރުކާރަށް އިއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ބާއްވާ މުޒާހަރާއެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މި މުޒާހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާއިރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ގދ. ތިނަދޫ ގައި ބާއްވާ މުޒާހަރާގައެވެ. މި މުޒާހަރާގައި ތިނަދޫގެ އިތުރުން އެއަތޮޅު އުތުރުބުރީ ކޮލަމާފުށިން ވެސް ގިނަ ބަޔަކު ބައިވެރިވާ ނެއެވެ.

މިއަދުގެ މުޒާހަރާ ފެށޭނީ އަސުރު ނަމާދަށް ފަހު، އެމްޑީޕީގެ އިންސާފުގެ މައިދާން ކަމަށްވާ އުސްފަސްގަނޑުންނާއި ރަށްރަށުގެ އެމްޑީޕީ ހަރުގެތަކުންނެވެ.