“ކޮމަންވެލްތާ އެކު ރައްޔިތުންގެ” ނަމުގައި އެމްޑީޕީން އަނެއްކާ ވެސް މުޒާހަރާ އަކަށް

އަވަސް އިންތިޚާބަކަށް ގޮވާލައި “ކޮމަންވެލްތާ އެކު ރައްޔިތުން” ގެ ނަމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި މިދިޔަ ހުކުރު ދުވަހެކޭ އެއްފަދައިން މާދަމާ ވެސް މުޒާހަރާއެއް ބާއްވާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.

މި މުޒާހަރާއަކީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއެކޭ އެއްފަދައިން އަވަސް އިންތިޚާބަކަށް ގޮވާލައި ކޮމަންވެލްތުން ގޮވާލިގޮވާލުން ބާޣީ ސަރުކާރަށް އިއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ބާއްވާ މުޒާހަރާއެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މި މުޒާހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާއިރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ގދ. ތިނަދޫ ގައި ބާއްވާ މުޒާހަރާގައެވެ. މި މުޒާހަރާގައި ތިނަދޫގެ އިތުރުން އެއަތޮޅު އުތުރުބުރީ ކޮލަމާފުށިން ވެސް ގިނަ ބަޔަކު ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މާދަމާގެ މުޒާހަރާ ފެށޭނީ އަސުރު ނަމާދަށް ފަހު އުސްފަސްގަނޑުންނާއި ރަށްރަށުގެ އެމްޑީޕީ ހަރުގެތަކުންނެވެ.