ރައީސް ނަޝީދު ގދ. ގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގދ.ގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މީގެ ކުޑައިރުކޮޅެއް ކުރިން ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ގދ. ގައްދޫ އަށެވެ. ގައްދޫއަށް ވަޑައިގެން މިއަދު ހަވީރު އެރަށު އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވުމަށް ފަހު ގައްދޫގައި މިރޭ ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށް ފަހު މާދަމާ ހެނދުނު އެއަތޮޅު ވާދޫއަށް ވަޑައިގެން މެންދުރުފަހު އެރަށު އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވުމަށްފަހު، ނަޑެއްލާއަށް ވަޑައިގެން އެރަށު އެމްޑީޕީ ހަރުގެ ހުޅުއްވައި ދެއްވާނެއެވެ.

މީގެ އިތުރުން މާދަމާ ހަވީރު ” ކޮމަންވެލްތާ އެކު ރައްޔިތުން” މި ނަމުގައި ބާއްވާ ބޮޑު މުޒާހަރާ ތިނަދޫގައި ވެސް ކުރިޔަށް ގެންދާތީ އެ މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ ތިނަދޫ ގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އާއި، އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.