ރާޅުގަނޑު މައްސަލަ އަލުން ބަލަން ފަށައިފި

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ގާއިމްކުރި އިންސާފުގެ މައިދާން ރޫޅާލި މައްސަލަ އިގައި އެމްޑީޕީން ބާޣީ ސަރުކާރުގެ ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން އިއްޔެ ފަށައިފިއެވެ.

ކުރިން ވެސް ސިވިލްކޯޓުގައި ބެލި މިމައްސަލަ އިއްޔެ އަލުން މިފެށީ ކުރިން މިމައްސަލައިގައި ދައުވާކުރެއްވުމަށް ހުށަހެޅުއްވި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކަށް އެ ޕާޓީގެ ނަމުގައި ދައުވާކުރެވޭނޭ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް އެންމެ ފަހު ވަގުތު ކޯޓުން ބުނެ، އެ މައްސަލަ ބެއްލެވި ގާޒީ ޢާއިޝާ ސުޖޫން މި މައްސަލަ ކޯޓުން ބޭރުކުރުމުން ހަމަ އެދައުވާ އަލުން އެމްޑީޕީން އެ ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ ސޮއިކުރައްވައި ހުށަހެޅުމުންނެވެ.

މި ދައުވާގައިވާ ގޮތުން ރާޅުގަނޑު ސަރަހައްދުގައި ތިބުމުގެ ހައްގު އެމްޑީޕީ އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްދިނުމަށާއި އެތަނުން ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެމްޑީޕީން އެދިފައިވެ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން، މިހާރު މިމައްސަލަ ބައްލަވާ، ގާޒީ ހާތިފް ހިލްމީ އިއްޔެ ނިންމާފައިވަނީ ދައުލަތުން މި ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރުފުރުސަތު ބޭނުންވާ ކަމަށް ބުނުމުން ދައުލަތަށް އެ ފުރުސަތު ދިނުމަށްފަހުއެވެ.