ފަހަލަ ސަޢީދު
އެއްވެއުޅުމާއި ޝުޢޫރު ފާޅުކުރުމާއި ދުލާއިގަލަމުގެ މިނިވަންކަމަށް ފާދިއްޕޮޅު ކައުންސިލުން އަރައިގެންފިކަމަށް އެމްޑީޕީގެ ނައިފަރު ދާއިރާއިން ބުނެފިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު އިޖްލާލު ވިދާޅުވީ ނައިފަރަށް ރާއްޖޭގެ ރައީސްކަމާއި ގަދަކަމުން ހަވާލުވެގެން ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މި މަހުގެ އަށާވީހުގައި ވަޑައިގަންނަވަނީ ނައިފަރު ކައުންސިލްގެ ދައުވަތަކަށް ކަމަށާއި ކައުންސިލުން އެމަނިކުފާނުގެ ބާޣީވެރިކަން ގަބޫލުކުރެއްވި ނަމަވެސް ރައްޔިތުން އެވެރިކަން ގަބޫލު ނުކުރާހިނދު، ރައްޔިތުންނާ ދެކޮޅަށް ޑރ.ވަޙީދު ނައިފަރަށް އަރާވަޑައިގަތުމަކީ ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދި ރަށުގެ ޢާންމު މަޞްލަހަތު ގެއްލިގެން ހިނގައިދާނޭ ކަމަކަށްވުމާއެކު ރައްޔިތުންގެ ފަރާތުން، ނުވަތަ އެމްޑީޕީއިން ގަބޫލުކުރާ ގޮތް ބެނާތަކުން ބާޣީވެރިންނަށް އަންގައިދިނުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީގެ އަސާސީ ޙައްގުތަކާ މިނިވަންކަމުގެ ބާބުގެ 27 ވަނަމާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގަކަށް ވާހިނދު، ބާޣީސަރުކާރުގެ ވެރިޔާ އަށް ނައިފަރު ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ ކައުންސިލަކުން ރައްޔިތުންނާ ދެކޮޅަށް ދައުވަތު ދިނުމަކީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ކުރިމަތިލުންތައް ހިނގާނޭފަދަ ކަމަކަށްވީހިނދު، ޑރ.ވަޙީދަށް ނައިފަރު ދާއިރާއިން ގޮވާލަނީ ބާޣީ ފުލުހުންނާ ބާޣީ ސިފައިން ގޮވައިގެން ރައްޔިތުންނާ ކުރިމަތިލައި ރައްޔިތުންނަށް އަނިޔާކުރުމަށް ވަޑައިނުގަތުމަށެވެ.
މީގެ އިތުރުން ނައިފަރަށް ވަޑައި ނުގަތުމަށާއި ބާޣީ ސަރުކާރު ގަބޫލުނުކުރާ ގިނަބަޔަކު އުޅޭރަށަކަށް ކައުންސިލުގެ ދަޢުވަތު ގަބޫލު ކޮށްގެން ވަޑައިގަތުމަކީ ބަޣާވާތްކުރަން ވަޑައިގަންނަވާ ވަޑައިގަތުމެއް ކަމުގައިވެސް ނައިފަރުގެ އެމްޑީޕީ ދާއިރާއިން ސިފަކޮށްފައިވެއެވެ. ނައިފަރު ކައުންސިލުން ނެރެފައިވާ ގާނޫނުއަސާސީއާ ޚިލާފް އިޢުލާކީ ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގަކަށް އަރައިގަނެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށާއި، ނައިފަރުގެ އެމްޑީޕީގެ މެންބަރުން މަރާފައި މެނުވީ ރައްޔިތުންގެ މިނިވަންކަން ގެއްލިގެން ދިޔަނުދޭނޭކަމަށް ނައިފަރު ދާއިރާގެ ނާއިބުރައީސް ވަދީފް މޫސާ ވަނީ ވިދާޅުވެފައެވެ. އަދި ނައިފަރުގައި އެމްޑީޕީ އިން ދަމާފައިހުރި ބެނާތައް ނެގުމަށް ބާޣީ ސަރުކާރުގެ ފުލުހުން އަންގަމުން އެބަދާކަމަށާއި މިއެންގުމަކީ ގާނޫނާޚިލާފް އެންގުމަކަށް ވުމާއެކު ފުލުހުންކުރާ މިފަދަ އަމުރަކަށް ތަބާނުވާނޭކަމަށްވެސް އެމްޑީޕީ ނައިފަރު ދާއިރާގެ ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މިކަންކުށްވެރިކޮށް އެމްޑީޕީ ނައިފަރު ދާއިރާއިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.