ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވާނެ އެވެ.
ރައީސް ނަޝީދު މާލެވަޑައިގަންނަވާ ވަގުތު ކަމަށްވާ މިރޭ ދަންވަރު 1 ޖަހާއިރަށް ފޮރިންގ އެފެއަރޒް ކުރިމަތިން އޮންނަ 4 ނަންބަރު ޖެޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ޑރ.މަންމޯހަންގ ސިންގ އާއި، އެގައުމުގެ ސިޔާސީ ބައެއް އެހެން ފަރާތްތަކާއި، އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ.
ޑރ.މަންމޯހަންގ ސިންގ އާއި އެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިގައިދިޔަ ބަޣާވާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ފެބްރުއަރީ 6،7،8 ގައި ހިނގައިދިޔަ ކަންތައްތަކާއި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ސަރުކާރުން ހިންގަމުން އަންނަ ލާއިންސާނީ އަދި ޤާނޫނާއި ޚިލާފު ޢާމަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
ދިވެހިރާއްޖޭގައި މިހިގައިދިޔަ ސިޔާސީ ކަންކަން ހައްލުކުރުމަށް އެންމެ ރަގަޅު ގޮތަކީ16 ފެބްރުއަރީ 2012ވަނަ ދުވަހު އިންޑިޔާގެ ފޮރިން ސެކެޓްރީ މިސްޓަރ ރަންޖަން މަތާއި މެދުވެރިވެ، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ވެވުނު އެއްބަސްވުމަަށް ޢަމަލުކުރުންކަމުގައި އިންޑިޔާއިން ޤަބޫލު ކުރައްވާކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. މިރޯޑްމެޕްގައި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް އެއްބަސް ވެވަޑައިގެންފައެވެ.
އަދި އެމް.ޑީ.ޕީގެ ސަރުކާރުން އިޤްތިޞާދު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާ ވިޔަފާރިވެރިން އިންވެސްޓްކޮށްފައިވާ ޖުމްލަ 873 މިލިޔަން ޑޮލަރުގެ ވިޔަފާރިތައް ހިމާޔަތް ކުރެއްވުމަށް އިންޑިޔާ ސަރުކާރުގެ އެހީތެރިކަމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ. ފޮރިން އިންވެސްޓްމަންޓް ދިވެހިރާއްޖެއަށް ގެނައުމަށާއި އިންވެސްޓަރުންނަށް ރަގަޅު މާޙައުލެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކަށާއި އަދި ރައީސް ނަޝީދުގެ މިދަތުރުފުޅުގައި މުމްބާއީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމުން ބޮޑުވަޒީރު އެކަމަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާ ކުރެެއްވިއެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް އިންޑިޔާއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށާއި އިންޑިޔާގެ އަބަދުވެސް އުއްމީދަކީ ދިވެހިރާއްޖޭގައި ޑިމޮކްރަޓިކްވެރިކަމެއް އޮތުންކަމުގައި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އިންޑިޔާ ސަރުކާރުގެ ދައުވަތް ޤަބޫލުފުޅުކުރައްވައި ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް އިންޑިޔާއަށް ވަޑާއިގެންނެވީތީ އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.