މިއަދު ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބުރާހިމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ދެނެގަތުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަން (އެން.އައި.ސީ) ގެ މިނިވަންކަމާ މެދު ސުވާލުއުފައްދައި، އެ ކޮމިޝަން އަލުން އެކުލަވާލުމަށް ރާއްޖޭގެ ވެރިކަމުގައި ތިބި ފަރާތްތަކަށް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު) އިން ގޮވާލި ގޮވާލުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، 4 ހަފްތާގެ މުހުލަތެއްދީ، ރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ސީމެގުން ދީފައިވާތީ، އެކަމަކީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ފަރާތުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާމެދު ވިސްނައިނުލައި، ގޮތްދޫނުކޮށް، ހަރުކަށިވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނިކަމެތިކަމަކަށްވާތީ، މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
މިމައްސަލައިގެ ބަހުސްގައި މިހާރުގެ ވެރިކަމަށް ތާޢީދުކުރާ ގިނަ މެމްބަރުންތަކެއް ސީމެގުގެ ގޯވާލުމަށް އިޖާބަދިނުމުގެ ބަދަލުގައި، ސީމެގުގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން، ކޮމަންވެލްތަކީ މުހިއްމު ޖަމާއަތެއް ނޫންކަމަށް ބަޔާންކޮށް، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލަމުން ގެންގޮސްފައިވެއެވެ. އަދި ކޮމަންވެލްތަކީ ރާއްޖެއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ބައެއް ނޫންކަމަށާއި ، ޤައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި، ލާދީނީ ކަންކަން ފަތުރާ ބައެއްކަމުގައިވެސް ތުހުމަތު ކޮށްފައިވެއެވެ. އެގްރޫޕުގެ މެންބަރު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ދިވެހިންގެ ހަންކުލަވެސް ނޭނގޭކަމަށް މަޖިލީހުން ބޭރުން ވަހީދުގެ އިދާރާގެ ސްޓޭޓް މިނިސްޓަރުން ބުނަމުން ދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
އެމްޑީޕީއާއި ވާދަވެރި ފަރާތްތަކުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަމުން ގެންދަނީ ދުނިޔޭގެ ޖަމާއަތްތަކާ ގުޅުންކެނޑި، އެކަހެރިވެއޮތުމަށްކަމަށް ފާހަގަކުރެވޭތީ އެކަމާ ކަންބޮޑުވުން ހާމަކުރުމަށް މިއަދު ހެނދުނު 10.30ގައި އިސްވެ ދެންނެވި މައުޟޫއަށް މިޕާޓީގެ ފަރާތުން ނޫސްކޮންފަރެންސެއް ވަނީ ބާއްވާފައެވެ.
ބަޔާން ނެރުނީ: ޕާޓީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒު ފަހުމީ