ނޫސް ބަޔާން: ސީމެގްގެ ބަޔާން ސާފުނުވާ ކަމަށް ބާޣީ ސަރުކާރުން ބުނާ ބުނުން ކުށްވެރިކުރުން

ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން 16 އެޕްރީލް 2012 ވީ ހޯމަ ދުވަހު ދިވެހިރާއްޖެ އާއި ބެހޭ ގޮތުން ނެރުނު ބަޔާން ސާފުނުވާ ކަމަށް ބާޣީ ސަރުކާރުން ބުނަމުންދާ ބުނުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ.

ސީމެގްގެ ބަޔާނުގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ސީމެގް އިން ގޮވާލަނީ މެދުކެނޑުމެއްނެތި ސިޔާސީ ޕާޓީތަކުގެ އިސް މަންދޫބުން ބައިވެރިވެގެން ޕާރޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށާއި، 2012 ނިމުމުގެ ކުރިން އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނޭކަމަށް ސީމެގް އިން ގަބޫލުކުރާތީ، ސީމެގް އިން މިކަން ފާހަގަކޮށް، 2012 ގައި ބޭއްވޭ އަވަސް އިންތިޚާބަކަށް ގޮވާލާ ގޮވާލުން އެ ގްރޫޕުން ތަކުރާރުކުރާ ކަމެވެ.

އަދި ސީމެގުން ދެކޭ ގޮތުގައި، 7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވިގޮތް ދިރާސާކުރުމަށް އެކުލަވާލެވުނު، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއަކީ މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ނޫން ކަމަށާއި، އެ ކޮމިޝަނަށް ދިވެހިރާއްޖޭގައި އެކަށީގެންވާ ތާއީދެއްލިބިފައި ނެތްކަންވެސް ސީމެގުން ފާހަގަކޮށްފައި ވެއެވެ. އަދި އެ ކޮމިޝަނަކީ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ކުރެވޭ ކޮމިޝަނަކަށް ހެދުމަށްޓަކައި ސީމެގްގެ މިނިސްޓަރުން ބާރުއަޅަނީ އެ ކޮމިޝަންގެ މެމްބަރުންނަށް ބަދަލުގެނައުމަށާއި، އެ ކޮމިޝަނުން ބަލަން ކަނޑައަޅާ ކަންތައް ނިންމާމެ އުސޫލު މިހާރުން މިހާރަށް އަލުން ދިރާސާ ކުރުމަށެވެ. މިކަމުގައި ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދޭން އޮތްކަން ސީމެގްއިން ތަކުރާރުކޮށްފައި ވެއެވެ. އަދި 16 އެޕްރީލް އިން ފެށިގެން ކުރިޔަށް އޮތް 4 ހަފްތާގެ މުހުލަތުގައި އެކޮމިޝަން އެކުލަވާލެވިފައިވާގޮތް ބަދަލުކޮށް، އެކޮމިޝަނުގެ މަސްޢޫލިއްޔަތާއި އިޙްތިސާސް އާންމުކޮށް ބަލައިގަނެ ޤަބޫލުކުރެވޭނޭ މިންގަނޑަކަށް އިސްލާހު ނުކުރެވިއްޖެނަމަ، މިހާރު ދިވެހިރާއްޖެ އާމެދު އެޅިފައިވާ ފިޔަވަޅު ތަކުގެ މައްޗަށް އިތުރު، ހަރުކަށި، ފިޔަވަޅުތައް އެޅުމަށް ސީމެގަށް މަޖުބޫރުވާނޭ ކަމަށް، ސީމެގުން ބުނެފައިވެއެވެ.

ކޮމަންވެލްތތުން ވިދާޅުވަނީ އިންކުއިރީ ކޮމިޝަން މިނިވަން މުސްތަޤިއްލު ކޮމިޝަނަކަށް ހެދޭނީ އެ ކޮމިޝަނުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން މަންދޫބަކާއި، ކުރީގެ ނައިބު ރައީސް ޑރ.މުހަންމަދު ވަޙީދު ޙަސަން މަނިކުގެ މަންދޫބަކާއި، ކޮމަންވެލްތުން ހަމަޖައްސާ ފަނޑިޔާރެއް އެ ކޮމިޝަނުގައި ހިމެނުމަށެވެ.

ވީމާ ކޮމަންވެލްތުގެ މި ގޮވާލުންތަކަށް މިހާރުން މިހާރަށް އިޖާބަ ދިނުމަށް މި ޕާޓީން ބާޣީ ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ:

އިމްތިޔާޒް ފަހުމީ
ތަރުޖަމާން