ކޮމަންވެލްތުގެ ގޮވާލުންތަކަށް ބާޣީ ސަރުކާރުން އިޖާބަ ދެމުން ނުދާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި

ކޮމަންވެލްތުގެ ގޮވާލުންތަކަށް ބާޣީ ސަރުކާރުން އިޖާބަ ދެމުން ނުދާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމާފައެވެ.

އެމްޑީޕީން ބުނީ މި ފަދަ ކުއްލި މައްސަލައެއް ހުށަހެޅުމަށް ނިންމީ ކޮމަންވެލްތުން ގޮވާލި ގޮވާލުމަށް 4 ހަފުތާގެ ތެރޭގައި އަމަލުނުކޮށްފިނަމަ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދިވެހިރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީ، އެންމެފަހުން 16 އޭޕްރީލް 2012 ވަނަ ދުވަހު ސީމެގުން ނިންމުމެއް ނިންމާފައިވާތީ، އެފަދަ ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށް އެތައް ގޮތަކުން ފޫނުބެދޭނޭވަރުގެ ބޮޑެތި ގެއްލުންލިބޭނޭ ކަމަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން އެފަދަ ފިޔަވަޅެއް ކޮމަންވެލްތު ފަދަ ޖަމާޢަތަކުން އަޅައިފިނަމަ، ރާއްޖޭގެ ކުރިމަގު ހަލާކުވެ، އަދި މުޅި ރާއްޖޭގެ ނަން މުޅި ދުނިޔެއަށް ކިލަނބުވެ، ރާއްޖޭގެ އަގު ވެއްޓިގެންދާނޭކަމަކަށް ވެސް ވާތީ، މިކަމަކީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ފަރާތުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާއިމެދު ވިސްނާނުލައި، ގޮތްދޫނުކޮށް، ހަރުކަށިވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނިކަމެތިކަމަކަށްވާނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ހާޒިރުވި 12 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީން މިއަދު މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުމަށް ނިންމިއިރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން މިއަދު މާލޭގައި ވަޑައިގެން ނޫޅުއްވައެވެ.