ބާޣީ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުން ފަސްކުރުމަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި

ބާޣީ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުން ފަސްކުރުމަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިކަން ހާމަކުރީ މިއަދު ހަވީރު އެ ޕާޓީގެ މައި އޮފީހުގައި އޮތް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ނިމިގެން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ބާޣީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން ފަސްކުރުމަށް ހުށަހަޅަން ނިންމީ ސީމެގުން ނެރުނު ރިޕޯޓުގައި ވެސް 2012 ވަނަ އަހަރު އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ވާހަކަ އޮތުމާއި، ބާޣީ ސަރުކާރުން ހަދައިގެން އުޅޭ އިންކުއަރީ ކޮމިޝަނަކީ މިނިވަން ތަނެއް ނޫން ކަމަށް ސީމެގުން ވެސް ބުނުމާއި، އޭގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ވެސް އިންކުއަރީ ކޮމިޝަނާ މެދު ސުވާލު އުފައްދާފައިވާތީ ކަމަށެވެ.

“… އެހެންވުމާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ގަބޫލުކުރެވޭ ގޮތުގައި ދިވެހި ރައްޔިތުން އަދިވެސް މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ގަބޫލެއް ނުކުރޭ.” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވީ ބާޣީ ސަރުކާރުގެ ނައިބު ރައީސަކަށް އައްޔަންކޮށްފައިވާ ވަޙިދުއްދީން އާއި، އެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން ފަސްކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ރައްޔިތުންގެ ބަހެއް ނެތި ބާޣީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަކީ އަނބުރާ އިޔާދަ ނުކުރެވޭނެ ފަދަ ގެއްލެއް ލިބިދާނެ ކަމަކަށް ވެދާނެތީ ކަމަށެވެ.