މަސްވެރިން ބާނާ މަސް ނުއަގުގައި ވިއްކަން ޖެހިފައިވާތީ އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުދުރަތީ ވަސީލަތްތަކާއިބެހޭ ކޮމެޓީގެ މުޤައްރިރު ނެރުއްވާ ބަޔާން

އަހަރުތަކަކަށްފަހު ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަގަޅުވެފައިވީ ނަމަވެސް މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ ވާތީއާއި އަދި އަމުދުން ބާނާ މަސްކޮޅު ނުކިރޭގޮތް ވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގައި މަސްވެރިން ބާނާ މަސް ކިލޯއަކަށް 3 ރުފިޔާގެ މަގުން ކިރަމުން ދަނިކޮށް އެމްޑީޕީ ސަރުކާރުން ވަނީ ދުނިޔޭގެ ބާޒާރުގައި އެއިރަކު އޮންނަ އެންމެ ރަގަޅު އަގަކާ އެއް ވަރަށް މަސްވެރިންނަށް މަސް ވިއްކޭނޭ އިންތިޒާމް ހަމަޖައްސައިދީފައެވެ. އެ ގޮތުން އެމްޑީޕީގެ ސަރުކާރުގައި 30 ރުފިޔާ ފަހަނައަޅައި މަސްކިލޯއެއް ވިއްކޭނޭ އިންތިޒާމް ހަމަޖައްސާފައި އޮތް ނަމަވެސް، މިހާރު އަނެއްކާ ވެސް މަސްވެރިން ބާނާ މަހުގެ ހަމައަގު އެފަރާތްތަކަށް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން މި ޕާޓީއަށް ކެނޑިނޭޅި ލިބެމުން އެބަދެއެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ލޭ ނާރު ކަމުގައި ބަލަމުން އައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހީވާގި ދިވެހި މަސްވެރިންނަށް ބާޣީ ސަރުކާރުންދޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ.

އެހެން ކަމުން މަސްވެރިން ބާނާ މަސް ހަމަ އަގުގައި ކިރުވޭނޭ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސައި، މަސްވެރިންގެ ހައްޤު އެފަރާތްތަކަށް ދިނުމަށް ތަކުރާރުކޮށް މި ޕާޓީން ގޮވާލަމެވެ.

ވަކިފަރާތަކަށް އަގުހެޔޮކޮށް މަސްގަނެވޭގޮތަށް ސިޔާސަތު ރާވާ މަސްވެރިންނަށް ހަމައަގު ނުދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި މިވަގުތު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުހުރި ގޮތުން ކުންފުނިތަކަށް ބޮޑު ފައިދާއެއް ބާއްވާފައިވެސް މަސްވެރިޔާއަށް މަސް ކިލޯއަކަށް 33 ރުފިޔާ ދެވޭނެއެވެ. މިހާރަށްވުރެ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްކޮށް ހުރިއިރުވެސް އެމްޑީޕީގެ ސަރުކާރުންވާނީ މަސްކިލޯއަކަށް 30 ރުފިޔާ ހޯދައިދީފައެވެ. މިހެންވެ ހުރިހާ ދިވެހި މަސްވެރިންވެސް އެމީހުންގެ މަސައްކަތުން ބާނާ މަހަށް 33 ރުފިޔާ ކިލޯއަކަށް ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ:
މުހައްމަދު މާހިރު އީސާ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުދުރަތީ ވަސީލަތްތަކާއިބެހޭ ކޮމެޓީގެ މުޤައްރިރު
7771416