ނޫސް ބަޔާން: މަސްވެރިން ބާނާ މަސް ނުއަގުގައި ވިއްކަން ޖެހިފައިވާތީ އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

އަހަރުތަކަކަށްފަހު ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަގަޅުވެފައިވީ ނަމަވެސް މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ، މަސްވެރިން ބުރަމަސައްކަތުން ބާނާ މަސް ނުއަގުގައި ވިއްކަންޖެހިފައިވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް، މަސްވެރިން ބާނާ މަސް ހަމަ އަގުގައި ކިރުވޭނޭ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސައިދުނުމަށް އެމްޑީޕީން ގޮވާލަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގައި މަސްވެރިން ބާނާ މަސް ކިލޯއަކަށް 3 ރުފިޔާގެ މަގުން ކިރަމުން ދަނިކޮށް އެމްޑީޕީ ސަރުކާރުން ވަނީ ދުނިޔޭގެ ބާޒާރުގައި އެއިރަކު އޮންނަ އެންމެ ރަގަޅު އަގަކާ އެއް ވަރަށް މަސްވެރިންނަށް މަސް ވިއްކޭނޭ އިންތިޒާމް ހަމަޖައްސައިދީފައެވެ. އެ ގޮތުން އެމްޑީޕީގެ ސަރުކާރުގައި 30 ރުފިޔާ އާއި ހަމައަށް މަސްކިލޯއެއް ވިއްކޭނޭ އިންތިޒާމް ހަމަޖައްސާފައި އޮތް ނަމަވެސް، މިހާރު އަނެއްކާ ވެސް މަސްވެރިން ބާނާ މަހުގެ ހަމަ އަގު އެ ފަރާތްތަކަށް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން މި ޕާޓީއަށް ކެނޑިނޭޅި ލިބެމުން އެބަދެއެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ލޭ ނާރު ކަމުގައި ބަލަމުން އައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހީވާގި ދިވެހި މަސްވެރިންނަށް ބާޣީ ސަރުކާރުންދޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ.

އެހެން ކަމުން މަސްވެރިން ބާނާ މަސް ހަމަ އަގުގައި ކިރުވޭނޭ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސައި، މަސްވެރިންގެ ހައްގު އެފަރާތްތަކަށް ދިނުމަށް ތަކުރާރުކޮށް މި ޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ:
އިމްތިޔާޒް ފަހުމީ
އެމްޑީޕީގެ ތަރުޖަމާން
7412140