ސީމެގް ގެ ބަޔާނާ އެއް ގޮތަށް ބާޣީ ސަރުކާރުން އަމަލުކުރަމުންނުދާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އެކަމުގެ ސަބަބުން ކޮމަންވެލްތުގެ އެހީ ރާއްޖެއަށް ކަނޑާލައިފިނަމަ ދިވެހި ރައްޔިތުންނަށް އޭގެ ގެއްލުން އިންތިހާއަށް ކުރާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ ބޭރުގެ ދަތިކުރުމުގެ ފިޔަވަޅެއް ރާއްޖެއަށް އަޅައިފިނަމަ އެކަމުގެ ގެއްލުން އާންމު ދިވެހި ރައްޔިތުންނަށް ފޯރާނެތީ ބާޣީ ސަރުކާރުން ކޮމަންވެލްތުގެ ގޮވާލުމަށް އިޖާބަދިނުމަށް މަޖުބޫރުކުރުމުގެ ގޮތުން އަވަސް އިންތިޚާބަކަށް ގޮވާލައި ދިވެހިރައްޔިތުން ހިންގާ ހަރަކާތްތައް މިހާރު އިތުރަށް ވަރުގަދަކުރަމުންދާ ކަމަށެވެ. އިންތި އިތުރަށް ވިދާޅުވީ ސީމެގްގެ ބަޔާނަށް ބާޣީ ސަރުކާރުން އިޖާބަދިނުމަށް މަސައްކަތްކުރުމަށް އެމްޑީޕީގެ ކައުންޓްޑައުނެއް ފަށާފައިވާ ކަމަށާއި، އެކަމަށްޓަކައި އެމްޑީޕީން މާލެ އާއި އަތޮޅުތަކުގައި މިހާރު ހިންގާ ހަރަކާތްތައް ހަރަކާތްތައް އިތުރަށް ފުޅާވަމުންދާނޭ ކަމަށެވެ.
މީގެ އިތުރުން ބާޣީ ސަރުކާރުގެ އެޓަރނީ ޖެނެރަލް އާޒިމާ ޝުކޫރު ވަނީ ފެއިލްވެފައި ކަމަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސްގައި އިންތި ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސީމެގްގެ ބައްދަލުވުމަށް އެޓަރނީ ޖެނެރަލް ވަޑައިގެން ދެއްކެވި ވާހަކަތައް ސީމެގުން ގަބޫލު ނުކޮށް، އަވަސް އިންތިޚާބަކަށާއި، އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމަށް ގޮވާލާފައިވުމެވެ. އަދި ރައީސް ނަޝީދަކީ ކޮމަންވެލްތުގެ ކާމިޔާބު ޝަޚްސިއްޔަތެއް ކަމަށް ކޮމަންވެލްތުން ގަބޫލުކޮށް، އެ ވާހަކަ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ސިފައިންގެ ޕެރޭޑްގައި ބައިވެރިވި ފަރާތްތަކުން އާންމުންނާ ހަޑިހުތުރު ބަހުން މުޚާތަބުކޮށް، އިނގިލީގެ ނިޝާނުން ބޭއަދަބީ ނިޝާން ދައްކާފައިވާ ކަމަށް އިންތި މިއަދު ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ސިފައިން ޔުނީފޯރމްގައި ތިބެގެން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވިއެވެ. މީގެ އިތުރުން ބާޣީ ސަރުކާރު ގެނައިފަހުން “ދުވާލު ދެ ދަޅައަށް” އެއްވެސް ނޯޓިސްއެއް ނެތި ސްޓެލްކޯއިން ކަރަންޓް ކަނޑާލަމުން ދާތީ ވަރަށް ގިނަ ބަޔަކަށް އުނދަގޫ ވެ، އެކަމުގެ ދަތި ތަހައްމަލްކުރަމުންދާ ކަމަށާއި، އެކަމާ އެމްޑީޕީން ކަންބޮޑުވާ ކަމަށް އިންތި ވިދާޅުވިއެވެ.
އެމްޑީޕީން ހުކުރު ދުވަހު ބާއްވާފައިވަނީ “ވަރަށް ބިޔަ މުޒާހަރާއެއް” ކަމަށް ވެސް އިންތި މިއަދުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ. މި މުޒާހަރާ މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިއާ ޖޯޝާއެކު ކުރިޔަށް ދިޔަ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް އެމްޑީޕީގެ ނަމުގައި އިންތި ޝުކުރުއަދާކުރެއްވި އެވެ.
ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސްގައި އިންތި އަލިއަޅުވާލެއްވިއެވެ. އެގޮތުން ދަތުރުފުޅުގައި އަވަސް އިންތިޚާބަކަށް އަލިމަގެއް ފެންނާނޭ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އިންޑިއާއަކީ އަވަސް އަރުވާލައިގެން ބާޣީ ސަރުކާރު ގަބޫލުކުރި ގައުމެއް ނަމަވެސް އެ ގައުމުގެ ސްޓޭންޑް ބަދަލުކޮށް އަވަސް އިންތިޚާބަކަށް ގޮވާލާފައިވާ ކަމަށާއި، އިންޑިއާގެ ފޮރިންގ ސެކްރެޓަރީ ވެސް ރާއްޖެ ވަޑައިގެން ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޕްރެޝަރުގެ ސަބަބުން މި ބަޣާވާތުގެ ސަރުކާރަށް ބައިނަލްއަޤްވާމީ ގޮވާލުންތަކަށް އިޖާބަނުދީ އޮތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އެހެން ކަމުން މި އަހަރު ނިމުމުގެ ކުރިން އިންތިޚާބެއް ބޭއްވޭނޭ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.