ރައީސް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ ގޮތުން އެމްޑީޕީން ނެރޭ ނޫސް ބަޔާން (1)

މި ޕާޓީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮބްޒާރވަރ ރިސަރޗް ފައުންޑޭޝަންގައި ތަޤްރީރުކުރައްވައިފިއެވެ.

އެމަނިކުފާނުގެ ތަޤްރީރު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ރާއްޖޭގައި ހީނަރުވަމުންދާ ޑިމޮކްރަސީ އަލުން ގާއިމްކުރުމާއި ބެހޭ ގޮތުންނެވެ. އެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުވި ޑިމޮކްރެޓިކް ސަރުކާރު 7 ފެބްރުއަރީގައި ބަޣާވާތަކުން ވައްޓާލާފައިވާތީ އެކަމުގެ މައްޗަށް އެމަނިކުފާނުގެ ތަޤްރީރުގައި އަލިއަޅުވާލެއްވިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިންޓަރ ގަވަރަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ޗެއަރޕާސަންކަން ކުރައްވާފައިވާ ޑރ.ރާޖެންދުރަ ކުމާރު ޕަޗައުރީ އާއި ބައްދަލުކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ ފަރާތްތަކުން އިއާދަކުރަނިވި ހަކަތައާ ދިމާލަށް މިސްރާބުޖަހަން ޖެހިފައިވާ ކަމެއް” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގައި މަސައްކަތްކުރައްވާ ބޭރުގެ ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކަށް ރައީސް ނަޝީދު އިންޓަވިއުދެއްވިއެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި)