އެމްޑީޕީގެ ބޮޑު މުޒާހަރާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

އަވަސް އިންތިޚާބަކަށް ގޮވާލުމަށް ” ކޮމަންވެލްތާ އެކު ރައްޔިތުން” މި ނަމުގައި މިއަދު އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުޒާހަރާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު 4.15 ހާއިރު އުސްފަސްގަނޑުން ފެށި މި މުޒާހަރާގެ ބައިވެރިން އަމީނީމަގުން ގޮސް ސޯސަން މަގުން ގޮސް މެދުޒިޔާރަތް މަގަށް އަޅާލުމަށްފަހު، އެ މަގުގައި ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ހުންނަ ލައިޓް ކައިރީގައި މަޑުކޮށް މުޒާހަރާގެ ބައިވެރިންވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި ފަރީދީ މަގުން ގޮސް ނަލަހިޔާ ކައިރީގައި ޝުއޫރުފާޅުކުރުމަށް ފަހު މަޖީދީ މަގުން، ބޮޑުތަކުރުފާނު މަގުން ގޮސް މުޒާހަރާ ނިންމާފައިވަނީ ވެސް މުޒާހަރާ ފެށި ހިސާބު ކަމަށްވާ އުސްފަސްގަނޑަށެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ އިންތިޚާބު އަވަސް ކުރުމަށާއި، ބޭރުދުނިޔޭގެ އެހީ ރާއްޖެއަށް ނުލިބިއްޖެނަމަ ރާއްޖެ ބަނޑަށް ޖެހިދާނޭ ކަމަށާއި، އެހެން ކަމުން ކޮމަންވެލްތުގެ ގޮވާލުމަށް އިޖާބަ ދިނުމަށެވެ. އަދި ދިވެހިރައްޔިތުން ތިބީ ކޮމަންވެލްތާއެކު ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައެވެ.

މިއަދުގެ މުޒާހަރާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.