އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ހިންގުންހަރިދަނާކުރުމަށް މަހާސިންތާއެއްބޭއްވުމަށް ނިންމައިފިއެވެ. ރޭ މާލޭސިޓީހޯލްގައި ބޭއްވި ދާއިމީކޮމިޓީތަކުގެ މެމްބަރުންގެ ބައްދަލުވުމުގައި މިކަން އިޢުލާންކުރެއްވީ އެޕާރޓީގެ ޗެއާރޕާސަން މޫސާމަނިކެވެ.
އެމްޑީޕީ ގެ މެމްބަރޝިޕް އަދި ކެމްޕޭންކޮމިޓީ ގެ ފަރާތުން އެކޮމިޓީގެ ނައިބު މުޤައްރިރު އަބްދުލް މާޖިދް (ލެކިޔުޓް މާޖިދް) ހުށައެޅުއްވި ހުށައެޅުމަކަށް މަޝްވަރާކޮށް މި ބައްދަލުވުން އިންތިޒާމްކުރުމަށް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ އަދި އެމްޑީޕީ ގެ ތަޢުލީމާއި ތަމްރީނާއިބެހޭ ކޮމިޓީގެ މުޤައްރިރު ޑރ. މުސްތަފާ ލުތުފީ އާއި ރޭގެ ބައްދަލުވުމުގައި ވަނީ ޙަވާލުކުރައްވާފައެވެ. އަދި މިބައްދަލުވުން އިންތިޒާމްކުރުމުގައި ޕޮލިސީ ކޮމިޓީގެ ފަންނީ އެހީތެރިކަން ލިބިގެންދާނެކަމަށް އެ ކޮމިޓީގެ މުޤައްރިރު މިނިސްޓަރ އޮފް އިކޮނޮމިކް ޑީވެލެޕްމަންޓް އެންޑް ޓްރޭޑް މަޙްމޫދު ރާޒީގެ ރޭގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގެ މަޤްސަދާމެދު ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އެމްޑީޕީ ގެ ސެކްރެޓެރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ޢަލީ ނިޔާޒް (ނިޔާ) ވިދާޅު މިއީ ޕާޓީގެ ހިންގުންހަރުދަނާކުރުމަށް މި ވަގުތަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމާ މީގެ ނަތީޖާއަކަށް ވަނީ ކޮމިޓީތަކުގެ މިސްރާބު އެއްގޮތްވެ ޕާރޓީގެ އަމާޒުތަކަށް ވާސިލްވެ ޕާރޓީ އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށެވެ. ނިޔާ އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އަމާޒުތަކެއް އޮވެ ސިޔާސަތުތަކަށް ބުރަވެ ހިންގަމުންއަންނަ ޕާރޓީއެއްކަމަށާއި އިންތިޚާބެއް ބޯމަތިވަމުން އަންނައިރު މިފަދަ ބައްދުލުވުމަކުން އިންތިޚާބަށް އިތުރަށްތައްޔާރުވުމަށް މަގުފަހިވެގެންދާނެކަމަށެވެ.