ބައި އިލެކްޝަންތަކަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަވި – އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންތަކަށް އެމްޑީޕީން މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިނޭންސް ސެކްރެޓަރީ ކަމާއި ޗީފް އޮފް ސްޓާފް ކަން ވެސް ކުރެއްވި އަހުމަދު މައުސޫމް އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕާޓީއަށް ދައުލަތުން ދެއްވާ ފައިސާ އިން ދާއިރާތަކަށް އެކަށީގެންވާ ހޭދައެއް ކުރައްވާ ކަމަށާއި، އެ ގޮތުން އިންތިޚާބުތަކަށް ވަރަށް ގިނަ ފައިސާ ޚަރަދުވާ ކަމަށެވެ. އަދި ނިމިގެންދިޔަ 4 ބައި އިލެކްޝަނަށް މިލިޔަނަކަށްވުރެ ބޮޑު ހޭދައެއް ކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެމްޑީޕީގެ މާލީ ހާލަތާއި ބެހޭ ގޮތުން ވާހަކަދައްވަމުން މައުސޫމް އިތުރަށް ވިދާޅުވީ ބަޣާވާތަކުން ސަރުކާރު ވައްޓާލުމާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ގޮތުގެ މަތިން މެންބަރުންގެ ހިއްވަރާއި ރޫޙް އާލާކުރުމަށް ޕާޓީގެ ހަރުގެއަށް ވުރެ ބޮޑުތަނެއްގައި މެންބަރުންގެ އެއްވުންތައް ބޭއްވުމަށް ބޭނުންވާތީ ރާޅުގަނޑު ސަރަހައްދާއި، އުސްފަސްގަނޑުގައި ހަރަކާތްތައް ހިންގުމަށް ޕާޓީގެ މާލިއްޔާއިން ވަރަށް ބޮޑު ހޭދައެއް ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްދަލުވުން ބޭއްވުމަކީ ވެސް ޚަރަދުތަކެއް ހިނގާ ކަމެއް ކަމުގައި މައުސޫމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީގެ ހައިސިއްޔަތުން އެ ޕާޓީގެ މާލިއްޔަތާއި ޗަންދާ އާއި ބެހޭ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ މައުސޫމް ވިދާޅުވީ މާލިއްޔަތާއި ޗަންދާ ކޮމިޓީން އެމްޑީޕީގެ މެންބަރުންނަށް ޑައިރެކްޓް ޑެބިޓްކޮށް ފައިސާދެއްވޭނޭ ގޮތް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ވެސް ބައެއް ފަރާތްތަކުން ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އެމްޑީޕީއަށް ކޮންމެ މަހަކު ފައިސާގެ އެހީ ވެދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީއަށް ފައިސާގެ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ވެސް ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާގެ އެހީ ވެދެއްވަމުން ގެންދިއުމަށް މައުސޫމް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން އެމްޑީޕީއަށް އެކި ގޮތް ގޮތުން ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީ ލިބެމުންދާ ކަމަށާއި، އެ ކަމަށްޓަކައި އެފަދަ ފަރާތްތަކަށް ޕާޓީގެ އިސްވެރިންނާއި، އާންމު މެންބަރުންގެ ނަމުގައި ޝުކުރުއަދާ ކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.