އެމްޑީޕީގެ ޗެއަރޕާސަން އެ ޕާޓީގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އެ ޕާޓީގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާ ރޭ ބައްދަލުކޮށްފިއެވެ.

ރޭ 8.30 ގައި މާލޭ ސިޓީ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ދާއިމީ 17 ކޮމިޓީގެ މުގައްރިރުން ބައިވެރިވެވަޑައިގެން އެ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތަކާއި، ކޮމިޓީތައް ހިންގުމުގައި ދިމާވާ ހުރަސްތަކާ ބެހޭ މައުލުމާތު ޗެއަރޕާސަން އާ ހިއްސާކުރެއްވިއެވެ. އަދި ހުރިހާ ކޮމިޓީތައް ހިމެނޭ ގޮތަށް މަހާސިންތާއެއް ބޭއްވުމަށް ރޭގެ ބައްދަލުވުމުގައި ނިންމެވިއެވެ. އަދި މަހަކު އެއްފަހަރު އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ކޮމިޓީތަކާ ބައްދަލުކުރައްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޗެއަރޕާސަން އާއި ޗެއަރޕާސަންގެ ނައިބާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި ދެ ނައިބު ލީޑަރުން ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެއްސި މި ބައްދަލުވުމަށް ލީޑަރޝިޕްގައި ހިމެނޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ހާޒިރުވެވަޑައިނުގެންނެވުނީ އެ ވަގުތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމެއް ހިނގަމުންދިއުމާ ގުޅިގެންނެވެ.