ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކާއި، އެ ގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ގެނެސްފައިވާ ބަޣާވާތާއި ބެހޭ މައުލޫމާތު ދެއްވާނެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު އިންޑިޔާގެ ސިޔާސީ އިސް ފަރާތްތަކަށް ރައީސް ނަޝީދު ދެއްވާނެއެވެ. އަދި ސިޔާސީ މަސްރަޙް ފިނިކުރުމަށް ކުރެވިދާނޭ ކަންތައް ތަކާއި ބެހޭ ގޮތުން ވެސް ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އިންޑިއާއާ އެކު މަޝްވަރާކުރައްވާނެ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ލައިލާ އާލީ އާއި، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް އެޑްވައިޒަރު އަމީން ފައިސަލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.