މަޖިލީހުގެ ރައީސް ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކެޔޮދޫ ދާއިރާގެ މެންބަރުޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މިއަދު މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. އެ ގްރޫޕުން މި ގޮތަށް ނިންމީ ރޭ ބޭއްވި އެ ގްރޫޕްގެ ބައްދަލުވުމުގައެވެ.

މި ގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބޮޑެތި ބައެއް މައްސަލަތައް ޕާޓީތަކާ މަޝްވަރާކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ނިންމަވަމުން ގެންދަވާތީ އެވެ. އެގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލަ، އާންމު ކޮމިޓީން ދިރާސާ ކުރައްވާ ވަކިގޮތެއް އަންގަވަންދެން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 25 ވަނަ މާއްދާއަށް އަމަލު ނުކުރުމަށް ރިޔާސަތުން ނިންމަވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވާ އެމަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ޝާމިލުވުމެއް، ދައުރެއް،މަޝްވަރާއެއް އަދި ނިންމުމެއް ނެތި، މަޖިލީހުގެ ރައީސަށް އަމިއްލަފުޅަށް ފެނިވަޑައިގެންނެވި ފެނިވަޑައިގަތުމެއްގެ މަތިން، މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުމަށްފަހުކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން މިނިންމުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގައި ބޮޑެތި ދުސްތޫރީ މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރުގެ ސަރުކާރުގެ ބާރުތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޑރ. މުޙައްމަދު ވަހީދުގެ ޕާޓީ ތަމްސީލުކުރައްވާނެ މެންބަރަކު ނެތިމެ، ގަވާއިދުގެ ދަށުން ސަރުކާރުން ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ބިލުތަކާއި އެހެނިހެން ކަންކަން މިހާރު “އިދިކޮޅު ޕާޓީ” ކަމަށް ސިފަކުރާ ޕާޓީގެ މެންބަރުންގެ ނަމުގައި ހުށަހަޅާ، އެމެންބަރުން ހުށަހަޅާފައިވާ ބިލުތަކުގެ ބަހުޘް މިހާރުވެސް ހަމަ އެމެންބަރުންގެ ނަމުގައި ކުރިއަށް ގެންގޮސް ވޯޓަށް އެހުންފަދަ، ރައްޔިތުންގެ މަޖިލީހުގައި ޢަމަލުކުރެވޭ ގޮތާއި މަޖިލީހުގެ ގަވާއިދާމެދު ބޮޑެތި ދުސްތޫރީ ސުވާލުތަކެއް އުފެދި އޮޅުން ބޮޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިފަދަ އެއްވެސްކަމަކަށް އެޑްރެސްކުރުމެއް ނެތި، ހައްލެއްހޯދުމަށް މަސައްކަތްކުރުމެއްނެތި، މަޖިލީހުގެ ރައީސަށް ފެނިވަޑައިގެންނެވި ގޮތެއްގެމަތިންކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރޭގެ ބައްދަލުވުމުގައި ފާހަގަކޮށްފައި ވެެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ރައްދު ދިނުން ފަދަ މުހިންމު އަދި ނާޒުކު މައްސަލައެއްގައި، އާންމުކޮށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމުގައި ޢަމަލުކުރެވެމުންދާ ގޮތާއި، ބެސްޓް ޕްރެކްޓިސްއަށް ބެލުމެއްނެތި، މަޖިލީހުގެ ވޯޓެއްގައި މެންބަރުންގެ ޚިޔާލުހޯދުމެއް ނެތި، ރިޔާސަތުން އަންގާ އެންގުންތައް އެންގުމަށް އޮންނަ ވަގުތު، މަޖިލީހުގެ ރައީސް އަވަސްއަރުވާލައިގެން، އަމިއްލަފުޅަށް އެކަންތައް ނިންމަވާފައިވާ ކަން ވެސް ރޭގެ ބައްދަލުވުމުގައި މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.

“މިފަދަ ނިންމުންތައް އަމިއްލަފުޅަށް ނިންމާ، މަޖިލީހުގެ ގަވާއިދުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުމަށް ފެނިވަޑައިގަތުމުން އެމާއްދާއަކަށް ޢަމަލުކޮށް، އަނެއް މާއްދާއަށް ޢަމަލުނުކުރުމަކީ މަޖިލީހުގެ ރައީސްގެ އަމިއްލަފުޅުކަމަކަށް ހެއްދެވުމަކީ، މަޖިލީހުގެ ގަވާއިދުގެ ހުރުމަތް ކެނޑި، މެންބަރުންގެ ބާރު ކެނޑި، މިނިވަން ޑިމޮކްރެޓިކް އަދި މަލްޓި ޕާޓީ ސިސްޓަމެއްގައި އެފަދަ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ކުރެއްވުން ކުފޫ ހަމަވެގެންވާކަމެއްކަމަށް ޤަބޫލުނުކުރެވޭތީއާއި އަދި މިފަދަ ގޮތަކަށް ޢަމަލުކުރުމަށް މަޖިލީހުގެ ރައީސަށް ފުރުސަތުދެވިއްޖެ ނަމަ އެގާއިމުކުރެވެނީ އަންޑިމޮކްރެޓިކް ހުދުމުހުތާރު ޕްރީސިޑެންޓެއްކަމަށް ވާތީ މަޖިލީހުގެ ޤަވާއިދުގެ ދަށުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުމަށް” ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.