ޖަލުގައި ބަޑި ޖަހަން އަމުރުކުރި މީހުންނާ މެދު ވެސް ފިޔަވަޅުއަޅަން ޖެހޭނެ – މޫސަ

ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ޖަލުގައި ބަޑި ޖެހި މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭނީ ހަމައެކަނި ބަޑި ޖެހި މީހުންނަށް ނޫން ކަމަށާއި އެ އަމުރު ކުރި ފަރާތްތަކުގެ މައްސަލަ ވެސް ބަލަން ޖެހޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިކަމަށް ގޮވާލެއްވީ 19 ސެޕްޓެމްބަރ 2003 ގައި ސިފައިން އަނިޔާކޮށް މާފުށީ ޖަލުގައި އީވާން ނަސީމް މަރާލައި އަދި އެ މައްސަލައިގެ ތެރޭގައި ޖަލުގައި ސިފައިން ބަޑިޖެހި މައްސަލައިގެ ތަހުގީގު ކުރުމަށް ގޮވާލައްވައި މޫސަ މިއަދު ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ ގައިދީއެއްގެ ގޮތުގައި ޖަލުގައި ބައިތިއްބާފައިވާ އެއްވެސް މީހެއްގެ ގަޔަށް ބަޑި ޖަހައިގެން ނުވާނެ ކަމަށާއި، ބަޑިޖަހައިގެން ނޫން ގޮތަކަށް ގައިދީން ކޮންޓްރޯލް ކުރެވެން ޖެހޭނޭ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް ހިތްވަރު ދީގެން ވެރިކަން ވައްޓާލައިގެން އަނެއްކާވެސް މީހުންނަށް އަނިޔާކުރުމަށް ހިތްވަރު ދިނުމަކީ ރައްޔިތުންގެ މަޖިލިސް އިން ކުރެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

ޖަލުގައި ބަޑި ޖެހި މައްސަލަ ބެލުމުގެ ގަރާރު މަޖިލީހަށް ފޮނުއްވަންވީ ވަގުތު ފާއިތުވެފައިވާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ފޮނުއްވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އަދި ޖަލުގައި ބަޑިޖެހި މައްސަލައާއި އަނިޔާވެރި ގޮތަކަށް އީވާން ނަސީމް މަރާލި މައްސަލަ ބެލުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރެއްވި ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންފައިނުވާ ކަމަށް މޫސަ މިއަދު ވިދާޅުވިއެވެ.

މި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރާއްޖޭގައި އިންސާނީ ކަރާމާތާއި ރައްޔިތުން އިންތިހާބު ކުރާ ވެރިކަމަކަށްޓަކައި މުޅި އުމުރު ދުވަސް ހޭދަކުރެއްވި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވި މައްސަލަ ބޭރުކުރަން ޖެހޭނޭ ކަމަށެވެ. އަދި މުޅި ގައުމުގައި 30 އަހަރު ވަންދެން ރައްޔިތުންނަށް ސީދާ އަނިޔާވެރިވެ ރައްޔިތުންގެ ބޮލަށް ބަޑި ޖަހައި މީހުންނާއި ހުރިހާ ބޮޑެތި ޖަރީމާތައް ހިންގި މީހުން ތިބީ ހުދު ސާފު ކަފަކޮޅަކަށް ހަދާފައި ކަމަށް އިންތި ވިދާޅުވިއެވެ.