ޖުމްހޫރީ ޕާޓީއާއެކު އެމްޑީޕީން ވެފައިވާ ހުރިހާ އެއްބަސްވުމެއް އުވާލުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފި

29 ޖޫން 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޖުމްހޫރީ ޕާޓީއާއެކުވެފައިވާ ހުރިހާ އެއްބަސްވުމެއް އުވާލުމަށް ޤައުމީ މަޖިލީހުގެ ޤަރާރަކުން މިރޭ ނިންމައިފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 79 ވަނަ ޖަލްސާއަށް އެމަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހަޅުއްވައި، ޤައުމީ މަޖިލީހުގެ މެންބަރު ޝުއައިބު ޢަލީ ތާޢީދުކުރައްވައި، ޤައުމީ މަޖިލީހުގެ އިއްތިފާޤުން ފާސްވި ޤަރާރުގައިވާ ގޮތުން ” ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކިޕާޓީތަކާ ސަރުކާރު ހިންގުމަށް އިއްތިހާދުވީ، ރާއްޖޭގައި އޮތް ޒަމާންވީ ޢާއިލީ ޚުދުމުޚްތާރުވެރިކަން ނައްތާލައި، ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަމާއި އޯގާތެރި ސަރުކާރެއް ގެނެސްދީ، ހެޔޮވެރިކަމެއް ފޯރުކޮށްދޭން ކަމަށާއި، މި އިއްތިހާދުގެ ސަރުކާރުގައި ބައިވެރިވެފައިވާ، ޖުމްހޫރީ ގުޅުމުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފަރާތުން، ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހެޔޮވެރިކަން ކުރުމަށް ބޭނުންވާ އެއްބާރުލުމާ އެހީތެރިކަން ދެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ލާބަޔާއި މަންފަންހޯދައި ދިނުމަށް ގަދައަޅާ މަސައްކަތްކުރުމަށް ހޮވާފައިވާ ޤާނޫނީ ސަރުކާރަށް ފާޅުގައި ދަތިކުރައްވަމުން ގެންދަވާކަން ޤައުމީ މަޖިލިހަށް ޤަބޫލުކުރެވޭ” ކަމަށް ވިދާޅުވެފައިވެއެވެ.
” މި ފަހަކަށްއައިސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޢަމަލުފުޅުތައް ބަހައްޓަވަމުން ގެންދަވަނީ، ޤައުމީ މަސްލަހަތަށް ބުރޫއަރާގޮތަށް ކަމަށް މި ޕާޓީގެ ޤައުމީ މަޖިލީހަށް ފެނުނު ހިނދު؛ އެއްވެސް އެއްބަސްވުމަކީ ހަމައެކަނި އެ އެއްބަސްވުމުގައި ޝާމިލްވާ އެއްފަރާތުން އިޙްތިރާމްކޮށްގެން ދެމިއޮންނާނެ އެއްބަސްވުމެއް ނޫންކަމަށް ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ” ކަމަށް ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ރައްޔިތުން ހޮވާފައިވާ ސަރުކާރަށް އެއްބާރުލުން ނުދެއްވައި، ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަޙަތު ފާޅުގައި ކުރިއަށް ނެރުއްވަވައިގެން، ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު، މީޑިއާއި އެހެނިހެން ފޯރަމްތަކުގައި ފާޅުގައި، ރައްޔިތުން ތާއީދުކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސް އަޅުއްވަމުން ގެންދެވުމާއި، ދަޢުލަތުގެ އަބުރާ ޢިއްޒަތާއި ޝަރަފާއި ކަރާމާތް ނަގާލައި، ސަރުކާރުގެ އަގުވައްޓާލެއްވުމަށް މަސައްކަތްކުރައްވަމުން ގެންދެވުމަކީ، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ދެމެދު ވެފައިވާ އެއްބަސްވުން، ޖުމްހޫރީ ޕާޓީން އުވާލުން ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެން ކަމުން ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާއި ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައި، ޖުމްހޫރީ ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން އެފަރާތްތައް ވަކިކުރެއްވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަކަމަށް ދިވެހިރާއްޖޭ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ދެންނެވުމަށް، އެމްޑީޕީގެ ޤައުމީ މަޖިލިސް އިޤްރާރުވާ ކަމަށް އެމްޑީޕީން މިރޭ ފާސްކުރި ޤަރާރުގައި ވެއެވެ. މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ވަނީ ކެބިނެޓް އަލުން އެކުލަވާލަންދެން އެމްޑީޕީން ކުރަން ޖެހޭ ކަންތައްތައް ރާވައި ހިންގާނޭ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެޕާޓީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީއާއި، ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކުގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހީމް މުހައްމަދު ޞޯލިޙް އަދި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ޙަސަން އަފީފް އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 79 ވަނަ ޖަލްސާއަށް 41 މެންބަރުން ހާޒިރުވެފައިވެއެވެ.