އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހިނގަމުން އެބަދޭ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހިނގަމުން އެބަދެއެވެ.
މިބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ،ސަރުކާރުގެ ކެބިނެޓް އެކީ އިސްތިޢުފާދެއްވުމާ ގުޅިގެން އެކަމާ މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ކެބިނެޓުން މިއަދު އެދެއްކެވި ނަމޫނާއަށް ވަރަށް ބޮޑަށް ތަޢުރީފްކޮށް ވާހަކަ ދައްކަވަމުން އެބަ ގެންދަވައެވެ.
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އެމްޑީޕީން ދިވެހިރައްޔިތުންނަށް ވިއްކި ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަމުން ގެންދިއުމާ ގުޅިގެން ވަޒީރުންގެ މަޖިލިސް އެކީ އިސްތިޢުފާދެއްވިކަން އެއީ ކެބިނެޓް ޓީމެއްގެ ގޮތުގައި ސަރުކާރާއި ރައްޔިތުންނަށް ވަފާތެރިކަމާއެކު މަސައްކަތް ކުރައްވާ ކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ ކެބިނެޓްގެ ހިތްވަރުގަދަ ކަމަށްޓަކައި ޕާލަމެންޓްރީ ގްރޫޕްގެ ނަމުގައި ވަރަށް ބޮޑަށް ކެބިނެޓަށް މަރުހަބާ އާއި ޝުކުރުދަންނަވާ ކަމަށާއި، އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ.
ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ، ކެބިނެޓްގެ ހުރިހާ މެންބަރުންވެސް ރައީސް އަރިހުގައި ޝަކުވާކުރެއްވި ކަމަށާއި އެ ޝަކުވާތަކަށް އިންސާފް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނޭ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ޒަކީ އިތުރަށް ވިދާޅުވީ މިސަރުކާރު އެއްވެސް ވަރަކަށް ބަލިނުވާ ކަމަށާއި، ސަރުކާރު އޮތީ ވަރަށް ވަރުގަދަކޮށް ކަމުގައި ޒަކީ ވިދާޅުވިއެވެ. އަދި ކެބިނެޓުން މިއަދު އެއަދާކުރެއްވި ގައުމީ ވާޖިބަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ކެބިނެޓުން މިއަދުއެވީ ޤައުމީ ޤުރުބާނީ އެއް ކަމަށާއި އެކަން އެމްޑީޕީން ފާހަގަކުރަންޖެހޭނޭ ކަމުގައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބުރައީސް އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން ލިބިދޭ ބާރާއި، ރާ ވާޖިބާ މަސްއޫލިއްޔަތު ވެސް އަދާކުރެއްވުމަށް މަޖިލީހުން ހުރަސްއަޅާ ކަމުގައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ވިދާޅުވީ މިހާރުން މިހާރަށް ވެސް މީޑިޔާ މެދުވެރިކޮށް އެމްޑީން މިކަމުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުން މުހިއްމު ކަމުގައެވެ.
މިބައްދަލުވުމަށް މިއަދު އިސްތިޢުފާދެއްވި ބައެއް ވަޒީރުން ވެސް ޥަޑައިގެން އެބަތިއްބެވިއެވެ.