28 ޖޫން 2010
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް މަޖިލީހުގައި މި ޖޫން މަހު 30 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ އިތުބާރުނެތް ކަމުގެ ވޯޓަކީ އެކަމުގައި ކަނޑައެޅިގެން ޒާތީ ތަޢައްޞުބެއް އޮވެގެން ހިންގާ ހަރަކާތެއް ކަމުގައި ގއ. ކޮލަމާފުށީގައި ހުންނަ އެއަތޮޅު އަތޮޅު މަދަރުސާއިން ބުނެފިއެވެ.
ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓާ ދެކޮޅު ހެދުމުގެ ގޮތުން ގއ.އަތޮޅު މަދަރުސާގެ ސްކޫލް ބޯޑުން ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން މިވޯޓަކީ ” ކަމުގެ ޙަޤީޤަތް ބަލަންވާވަރަށް ނުބެލި، ހުށަހަޅާފައިވާ ހުށަހެޅުމަކަށްވާތީ އާއި ތަޢުލީމީ ނިޒާމް ހަރުދަނާކުރުމަށް، ވަކިތަރުތީބަކުން، މިންގަނޑުތަކަކާއި، އަމާޒުތަކެއް ކަނޑައަޅައި، އެކަށައެޅުނު މިންގަނޑުތަކާއި، އަމާޒްތަކާއި، ލަނޑުދަޑިތަކަށް ވާޞިލްވާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖް އަލުން މުރާޖަޢާކޮށް، އިޞްލާޙްކޮށް އެކުލަވާލުމުގެ ބުރަ މަސައްކަތް ކުރެވެމުންދާތީ، އެކަން ހުއްޓުވުމުގެ ގޮތުންނާއި މިދާއިރާއިން ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ މަސައްކަތަކަށް ވާތީ، ޑރ.މުސްޠަފާ ލުތުފީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމާއިމެދު، އަޅުގަނޑުމެން ކަނޑައެޅިގެން ދެކޮޅުހަދައި އެކަން ކުށްވެރިކުރާ” ކަމަށެވެ.
ތައުލީމީ ދާއިރާއަކީ މިހާރު އެންމެ ހަލުވިކޮށް ހިނގަމުންދާ ދާއިރާ ކަމާއި، ދިވެހި ދުސްތޫރީ ނިޒާމުގެތެރޭގައި ސްކޫލްތަކުން ނިމިގެން ނުކުންނަ ކޮންމެ ކުއްޖަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަހުލުވެރިވެފައިވާ ތަޢްލީމީ ޤާބިލް ކުއްޖަކަށް ހެދުމުގެ މަސައްކަތް ޑރ.މުސްޠަފާ ލުތުފީގެ އާރުކާޓީ ކަމުން ކުރިޔަށްދާ ކަމަށް ވެސް މިނޫސް ބަޔާނުގައި ވެއެވެ.
ގއ.އަތޮޅު މަދަރުސާގެ ބެލެނިވެރިންގެ ތާޢީދު ޑރ.މުސްތަފާ ލުތުފީއަށް އޮތްކަން ބަޔާން ކޮށް ކޮލަމާފުށީގެ 120 ބެލެނިވެރިންނާއި މުދައްރިސުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް އެސްކޫލް ބޯޑުން ވަނީ ތައްޔާރުކޮށްފައެވެ.
ކޮލަމާފުށީގެ އިތުރުންވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކުން ދަނީ މިވޯޓުކުށްވެރިކޮށް ޕެޓިޝަނާއި، ނޫސް ބަޔާނާއި ނޫސް ކޮންފަރެންސް ފަދަ ވަޞީލަތްތަކުގެ ބޭނުންކޮށް ނުރުހުން ފާޅުކުރަމުންނެވެ.