އިންތިހާބެއް ބޭއްވިދާނެކަން ވަރަށް ބޮޑު ތަނުން މިއަދު ޔަގީން ވެއްޖެ – މޫސަ

ރާއްޖޭގައި މިނިވަންކަމާ އެކު އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމްވެފައި ނެތް ކަމަށް ބާޣީ ސަރުކާރުން ބުނި ނަމަވެސް މިއަދުގެ ބައި އިލެކްޝަންތަކުން، އިންސާފުވެރިކަމާ އެކު ރިޔާސީ އިންތިހާބެއް ބޭއްވޭނެ ކަން ސާބިތުވެފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ ގޮތުގައި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރި މ.ރެޑްގްރާސްގައި މިއަދު އިރުއޮއްސުނުއިރު ބޭއްވި ނޫސް ކޮންފަރެންސެއްގައި މޫސަ ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބުތަކުގެ ވޯޓުލުން ނިމި، ވޯޓު ގުނާ ނިމިފައިވާއިރު މާބޮޑު ހަމަނުޖެހުމެއް ހިނާގަފއިނުވާ ކަމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިޗާފަދައިން ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވިދާނެކަން މިއަދު ޔަގީން ވެއްޖެ ކަމަށް މޫސަ ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު 7 ފެބްރުއަރީގައި ބަޣާވާތަކުން ވެރިކަން ފޭރިގަތުމަށް ފަހު، ދިވެހިރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަނެ އެމްޑީޕީގެ މެންބަރުން ހިފައި ހައްޔަރުކުރަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީން މިހާތަނަށް ވެސް މަޑުމައިތިރިކަމާ އެކު އިންތިޒާރުކުރަމުން ދިޔައީ ރާއްޖޭގައި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް އޮތް ކަން ބައިނަލްއަގުވާމީ ފަރާތްތަކަށް އަންގައިދިނުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ވޯޓުގެ ނަތީޖާ ވަކިގޮތަކަށް ނިކުމެގެން އެމްޑީޕީން އެނަތީޖާ ގަބޫލުނުކޮށް، “މަގުމަތީގައި ހަޅޭއްނުލަވާނޭ” ކަމަށެވެ.

“ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ ގޮނޑިއަކީ އެމްޑީޕީ އަށް ވަރަށް ލޯޔަލްކޮށް ވޯޓުލިބޭ ގޮނޑިއެއް. ތިމަރަފުށީ ދާއިރާގެ ގޮނޑިއަކީ ހަމަ އެމްޑީޕީގެ ގޮނޑިއެއް. ވެރިކަން ބަދަލުކުރިތާ ހަފުތާއެއް ވެސް ނުވޭ މުސްތަފާ ގޮނޑިން ބޭރުކޮށްލިއިރު. ވެރިކަން ފޭރިގަތްއިރު ގޮނޑިވެސް ފޭރިގެންފައި. އެކަހަލަ ބައިވަރު ކަންތައް އެބަހުރި ހިނގާފައި.” މޫސަ ވިދާޅުވިއެވެ.