28 ޖޫން 2010
މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގެ ހާލަތުހުރީ ގިނަ ދިވެހިންނަށް އަންދާޒާކޮށްލެވޭ ވަރަށްވުރެވެސް ދެރަ ހާލަތެއްގައި ކަމަށާއި، އެއާޕޯޓް ތަރައްޤީނުކޮށް ފަރުވާކުޑަކޮށްފިނަމަ ވައިގެ ދަތުރުފަތުރުތަކާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ، އިކާއޯގެ ކަޅުލިސްޓަށް ދިވެހިރާއްޖެ އެރުން އެކަށީގެންވާކަމަށް ކަމާބެހޭ ތަޖުރިބާކާރަކު ބުނެފިއެވެ.
“ރަންވޭ މަރާމާތު ނުކުރާތާ 18 އަހަރު ވެއްޖެ. މިހާރު އޮތް ރަންވޭގައި ކުރިން ހުރި ރެނދުގެ އިތުރުން ސުނާމީގައި ލިބުނު ގެއްލުންވެސް އެ އޮތީ ފެންނަން” މަސްލަހަތަށްޓަކައި ނަން ހާމަނުކުރުމަށް އެދެމުން މިނިވަން ނިއުސްއަށް ދިން އިންޓަރވިއުއެއްގައި އެ ތަޖުރިބާކާރު ބުނެފައިވެއެވެ.
“ރަންވޭ އާއި އިމާރާތްތައް ހުރީ އިކާއޯގެ މިންގަނޑަށްވުރެ ކައިރީގަ. މީގެ ކުރިން އިކާއޯއިން ހެދި ދިރާސާތަކުގެ ނަތީޖާއާމެދު އިކާއޯ ހިތްހަމައެއް ނުޖެހޭ. އިކާއޯ ހިތްހަމަޖެހޭވަރަށް އެއާޕޯޓް އަޕްގްރޭޑް ނުކުރެވޭނަމަ މަތިންދާބޯޓަށް ދަތުރުކުރުން ހުއްޓުންވެސް އެކަށީގެންވޭ. މީގެ ބޭނުމަކީ ކޮންމެހެން ރައްޔިތުން ބިރުގެންނެވުމެއް ނޫން އެކަމު މި ބުނަން އުޅޭ އެއްޗަކީ އެއާޕޯޓަށް ވަރަށް ބޮޑެތި އިންވެސްޓްމަންޓް ވަރަށް އަވަހަށް ބޭނުންވެޔޭ” އެއާޕޯޓްގެ ކަންތައް ވަރަށް ކައިރިން ދިރާސާކުރާ އެ ފަރާތުން ބުނެފައިވެއެވެ
އެއާޕޯޓް ޕްރައިވެޓައިޒްކުރުމަށް ސަރުކާރުން ކުރާ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ތަޖުރިބާކާރު ބުނެފައިވާ ގޮތުން ރަންވޭ ހުސްނުވުމުގެ ސަބަބުން ބައެއް ބޯޓުތައް 15 ނުވަތަ 20 މިނިޓްވަންދެން ވައިގެތެރޭގައި ބައެއް ފަހަރު އުދުހެންޖެހެއެވެ. އަދި މަތިންދާބޯޓުތައް ޕާކުކުރާ ސަރަޙައްދުން ޖާގަ ނުލިބުމުގެ ސަބަބުން ބައެއް ބޯޓުތައް “ޕާކު ކުރުމަށްޓަކައި” ކޮލޮމްބޯ ނުވަތަ ޓްރެވިންޑްރަމް އެއާޕޯޓަށް ފޮނުވަންޖެހޭކަމަށްވެސް އެފަރާތުން ބުނެއެވެ.
މާލޭ އިންޓަރނޭޝަނަލް އެއާޕޯޓް ހެދީ އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. މައުމޫންގެ 30 އަހަރުވީ ދިގު ވެރިކަމުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ބޮޑުކުރިއެރުމެއް ލިބިފައި ނެތްނަމަވެސް އެއާޕޯޓަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް އައިސްފައިވެއެވެ.
އެއާޕޯޓް ޒަމާނާއެއްގޮތަށް ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުން ދިރާސާއެއް ކޮށްފައިވާކަމަށާއި އެހެން ނަމަވެސް އެދިރާސާ ބުނާގޮތުން އެއާޕޯޓް ތަރައްޤީކުރުމަށް 300 މިލިއަން ޑޮލަރު ނުވަތަ 4 ބިލިއަން ދިވެހި ރުފިޔާ ބޭނުންވާކަމަށް ދެއްކި ކަމަށާއި ކުރީގެ ސަރުކާރަށް އެފައިސާ ނުހޯދުނީކަމަށްވެސް އޭނާ ބުންޏެވެ.
“”އެއާޕޯޓް ހެދިފަހުރި ލޭއައުޓްއަކީ އެކަމަށް އެންމެ އެކަށީގެންވާ ލޭއައުޓެއް ނޫން އަދި އެކަމުގެ ސަބަބުން އެއާޕޯޓް އަޕްގްރޭޑްކުރުން ވެފައިވަނީ ވަރަށް އަގުބޮޑު ކަމަކަށް.
އެއާޕޯޓް ޕްރައިވެޓައިޒް ކުރުމާ ދެކޮޅު ހަދާފަރާތްތަކުން ޕްރައިވެޓައިޒް ކުރުމަށްވުރެ ރަނގަޅުގޮތެއް އެބަ ކިޔައިދޭން ޖެހޭ. މީކީ ހަމަ ތަނެއްގަ އޮތް އެއާޕޯޓެއް ނޫން މީ ފަތުރުވެރިކަމުން ފައިސާ އެތެރެކޮށްދޭ މައި ދޮރު. މި ދޮރު ރަނގަޅުވެއްޖެޔާ ހުރިހާ އެންމެނަށްވެސް ރަނގަޅުވާނެ” އޭނާ ބުނިކަމަށް މިނިވަން ނިއުސްގައި ބުނެފައިވެއެވެ.
އެއާޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ބަދަލުގައި ލޯނު ނަގައިގެން އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ނަމަވެސް އެކަން އެގޮތަށް ވާނެކަމަކަށް ނުބެލެވެއެވެ. އެއީ އެކަމަށް ލޯނު ދީފާނެ ފަރާތްތައް ކަމުގައިވާ ވަރލްޑް ބޭންކް ނުވަތަ އައި.އެމް.އެފް. ފަދަ ފަރާތްތަކުން ސަރުކާރުން އެއާޕޯޓް ތަރައްޤީކުރުމަށް ލޯނު ނުދޭނެތީއެވެ. އެ ބޭންކްތަކުން ސަރުކާރަށް ލޯނު ނުދޭ ސަބަބަކީ އެ ބޭންކްތަކުން ގެންގުޅޭ ޕްރައިވެޓައިޒޭޝަން ޕޮލިސީއާ ސަރުކާރުން އެއާޕޯޓްހިންގުން ފުށުއަރާތީއެވެ. އެފަދަ ބޮޑެތި މާލީ އިދާރާތަކުން ލޯނު ނުދީފިނަމަ ދެން އިދިކޮޅު ފަރާތްތަކުން ބުނާ ލޯނު ނަގަންޖެހޭނީ އެޗް. އެސް. ބީ. ސީ. ފަދަ ކޮމަރޝަލް ބޭންކްތަކުންނެވެ. އެހެން ނަމަވެސް ކޮމަރޝަލް ބޭންކްތަކުން ލޯނު ދޭނީ ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ވަރަށް އަވަސް މުއްދަތެއްގައި ފައިސާ ދެއްކުމަށް ޝަރުތު ކޮށްފައެވެ. އޭގެ ސަބަބުން މިހާރުވެސް އަތްނުފޯރާފަށުގައި ހުރި ޤައުމުގެ ދަރަނި ބޮޑުވެގެންދާނެއެވެ. ކުރީ ސަރުކާރުން ގަން އެއާޕޯޓް “އިންޓަރނޭޝަނަލް” ކުރީ ލަންޑަންގައި ހުންނަ އެޗް. އެސް. ބީ. ސީ. ބޭންކުން ނެގި ކޮމަރޝަލް ލޯނަކުންނެވެ.
އެއާޕޯޓް “ބޭރުގެ ފަރާތަކަށް” ޕްރައިވެޓައިޒް ކުރުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު ވެރިކަން ހިންގާ ޕާޓީވިޔަސް އަދި އިދިކޮޅު ޕާޓީވިޔަސް، އެ ފަދަ ސިޔާސީ ޕާޓީއަކާ ގުޅިފައި އޮތް ދިވެހި ކުންފުންޏަކަށް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަކީ ބޭރު ފަރާތަކަށް ޕްރައިވެޓައިޒްކުރުމަށްވުރެ ބޮޑު ނުރައްކަލެއްކަމަށް ފެނެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި އިދިކޮޅުފަރާތްތަކުން އެއާޕޯޓްގެ މައްސަލާގައި މިވަރަށް މަސައްކަތްކުރުމުގެ މަޤްޞަދަކީ ދިވެހިރާއްޖެއަށް އިންވެސްޓްކުރަން އަންނަ ފަރާތްތައް ބިރުގެންނެވުމާއި، އެއަރޕޯޓުގެ މަސައްކަތް މިހާރު ފަށައިފިނަމަ ދެން އަންނަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ދަތުރުފަތުރުކުރުމުގެ އެންމެހާ ލުއި ފަސޭހަތައް ލިބޭފަދަ އެއަރޕޯޓަކަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ވެއްޖެނަމަ މިހާރަށް ވުރެވެސް ބޮޑަށް މިސަރުކާރަށް ރައްޔިތުންގެ ތާޢީދާއި ރުހުން ލިބި ދެން އަންނަ ދައުރެއްގައި ވެސް އެމްޑީޕީން ވެރިކަން ކާމިޔާބުކޮށްފާނޭ ކަމުގެ ބިރު އިދިކޮޅު ފަރާތްތަކަށް އޮތުމެވެ.