އުތުރު ޕްރޮވިންސްގެ ނ. ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

29 ޖޫން 2010

size-of-n-velidhoo

އުތުރު ޕްރޮވިންސްގެ އެންމެ އާބާދީ ބޮޑު އެއްރަށް ކަމަށްވާ ނ. ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އާދީއްތަ ދުވަހު ފަށައިފިކަމަށް ވެލިދޫ އޮފީހުން ހާމަކޮށްފިއެވެ.
ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އެރަށުގެ ރައްޔިތުން އެކަމާ އުފާފާޅުކުރުމުގެ ހަރަކާތްތަކެއް އިއްޔެ ރޭ ވެލިދޫގައިވަނީ ހިންގާފައެވެ. އެގޮތުން މިހާރުގެ ސަރުކާރަށް ތާޢީދުކޮށް ވެލިދޫގެ ގިނަ ބަޔަކު ވަނީ ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިފައެވެ. އަދި އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ވެސް މިމުނާސަބަތާ ގުޅިގެން ވެލިދޫގައި ހިންގާފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
ވެލިދޫ އޮފީހުން ހާމަކޮށްފައިވާގޮތުގައި، މީހުން ދިރިއުޅުމަށް ބިން ދޫނުކުރާތާ ގިނަ އަހަރު ތަކެއް ވެފައިވާއިރު އެރަށުގައި ދިރި އުޅުމަށް މިހާރުވެސް ބިން ހޯދުމަށް އެތައް ފަރާތަކުން އެދިފައި ވާކަމަށާއި، އެހެންނަމަވެސް އެރަށުން މީހުން ދިރިއުޅުމަށް ބިން ދޫނުކޮށް ހިފެހެއްޓިފައިވަނީ އެދިފައިވާ ފަރާތްތައް ގިނަކަމާއި އެކު ރަށުން އެވަރަށް ބިން ދޫކުރެވެން ނެތުމުންކަމަށެވެ. ނަމަވެސް ނެދަރލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން މިހިންގާ ބިންހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް އެރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް، ގޯތި ދިނުމުގެ މަސައްކަތް ފަށާނޭ ކަމަށް އެރަށު އޮފީހުން މަޢުލޫމާތުދެއެވެ.
ނ. ވެލިދޫގެ އިތުރުން ހއ. ދިއްދޫ، ބ.ތުޅާދޫ އަދި ޅ.ހިންނަވަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބަންޑަރު ޖެހުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ލަސްތަކެއް ނުވެ މި 4 ރަށުގެ ބިންހިއްކުމުގެ މަސައްކަތް ނިންމާލެވޭނޭ ކަމަށް ސަރުކާރުން ބުނެއެވެ.
މާލެއާ 166 ކިލޯމީޓަރު ދުރުގައި އޮންނަ ނޫނު ވެލިދޫއަކީ ދިގުމިނުގައި 1130 މީޓަރު އަދި ފުޅާމިނުގައި 650 މީޓަރު ހުންނަ ރަށެކެވެ. 2009 ގެ ނިޔަލަށް ވެލިދޫގެ އާބާދީއަކީ 2154 އެވެ.