ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެވަޑައިގެންފި

29 ޖޫން 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް މިސްޓަރ އެސް.އާރު ނާދަނާ އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގއާ ބައްދަލުކުރައްވައި ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެކިއެކި އެހީތަކަށްޓަކައި ސިންގަޕޫރުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުމަށް ސިންގަޕޫރުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އިސްތާނާގައި ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފައިވެއެވެ.
ރައީސް ނަޝީދު އަށް މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ބޮޑުވަޒީރު މިސްޓަރ ލީ ސިއެން ލޫންގއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމާއި ސިންގަޕޫރުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސްގެ ޝަރަފްގައި އޮތް ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސިންގަޕޫރުގެ ބައެއް ވަޒީރުންނާއި، ސިންގަޕޫރު ސަރުކާރުގެ ޢިއްޒަތްތެރިންނާއި، ސިންގަޕޫރުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުން، ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި، ސިންގަޕޫރުގެ ބޮޑުވަޒީރު އިއްޔެ މެންދުރު ރަސްމީ ފަރިއްކޮޅެއް ބޭއްވެވިއެވެ. މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން އޮންނަތާ 70 ވަރަކަށް އަހަރު ވެއްޖެކަން ފާހަގަކުރެއްވިއެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރަށްބޮޑު ބައިވެރިއެއް ކަމަށާއި ސިންގަޕޫރަކީ ދިވެހިން ވަރަށް ލޯބިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.
ސިންގަޕޫރުގައި މިހާރު ހިނގަމުންދާ އޭޝިޔާ ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޤްރީރު ކުރެއްވިއެވެ. މި ތަޤްރީރުގައި، މުސްތަޤްބަލުގައި ދުނިޔޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މުހިންމު ކަމަކީ، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުން އިތުރުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަޙައްދު ކަމުގައިވިޔަސް، ރާއްޖެއަށްވަނީ ފެން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިކަންވެސް ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންއަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކޮށް، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންގެ އޯކިޑް މަލަކަށް ނަން ދިނުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ. މިއީ ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން އަރުވާ ޝަރަފެކެވެ. .
ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.