28 ޖޫން 2010
މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކޮށް ހިންގުން އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާއި އަދި މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.
މިއަދު ހަވީރު 5 ޖެހި އިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެކޮމްޕެނީގެ ޗެއަރމަން ބަންދު އިބްރާހީމް ސަލީމެވެ. އިންޑިޔާގެ ޖީ.އެމް.އާރު.ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕީ.ސިރުޕަތީ އެވެ. މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޓާން ސްރީ ބަޝީރު އަޙްމަދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއާއި، ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރ ޢަލީ ޝިޔާމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު އަޙްމަދު އިނާޒާއި، އެޑްވައިޒަރ އޮން އިންވެސްޓްމަންޓް މިފްޒާލް އަޙްމަދާއި، އެޓަރނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލް ޢަބްދުﷲ މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި މިމަސައްކަތް ހިނގާދިޔައީ ދެފުށް ފެންނަ އަދި ވަރަށް ހާމަކަންބޮޑު ގޮތެއްގައި ކަމަށް ވިދާޅުވެ، މިމަސައްކަތް ފެށިގެން އައި ގޮތް ނޫސްވެރިންނަށް ވަރަށް ތަފްޞީލުކޮށް ހާމަކޮށްދެއްވިއެވެ. އަދި މިމަސައްކަތުގެ ކޮންމެ މަރްޙަލާއެއްގައިވެސް އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ލަފައާއި މަޝްވަރާ ހޯއްދަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޖީ.އެމް.އާރު.ގެ ސީ.އީ.އޯ މިސްޓަރ ސިރުޕަތީ އާއި މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގގެ މެނޭޖިންގ ޑިރެކްޓަރ ބަޝީރު އަޙްމަދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.