އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މޫސަ އަދި ކާނަލް ކުރިމަތިލައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކަމުގެ މަގާމަށް މިހާރުވެސް އެ މަގާމް ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު (ކާނަލް) ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީން ހުސްވެފައިވާ ޗެއަރޕާސަން ނައިބު (އިދާރީ) ކަމަށް ކުރިމަތިލައްވާފައި ވަނީ ސ.މަރަދޫ ފޭދޫ އަލަނާސިގޭ އަލީ ޝިޔާމް އެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ ރައީސް ކަމާއި، ވިލިނގިލި ދާއިރާގެ ރައީސް ކަމާއި، ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހަމަވެފައެވެ.

ވެލިދޫ ދާއިރާ އާއި ވިލިނގިލި ދާއިރާއަށް ކޮންމެ ދާއިރާއަކަށް 2 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، ފޮނަދޫ ދާއިރާގެ ރައީސް ކަމަށް 4 ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ.

ވެލިދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ނ. ވެލިދޫ އަމަން ޢަބްދުﷲ ޔާމީން އާއި، މާލެ ދަފްތަރު 6981 ޢަބްދުﷲ މުޙައްމަދު އެވެ.

ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާފައިވަނީ ގ.ފްލޮވީގޭ ސަމީރު އަހުމަދު އާއި، ގއ.ކޮލަމާފުށީ އޯކިޑްވިލާ ޢަބްދުﷲ ތަސްލީމް ޢަބްދުލް ޙަކީމް އެވެ.

ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު)، ގ.ދޫރެސް ވިލާ އާއި، ލ.މާމެންދޫ ފިތުރޯނުވިލާ މުޙައްމަދު ޝިޔާމް އާއި، ގ.ޗާންދަނީމާގޭ ޙަސަން ޝުޖާޢު އަދި މ.ސްނޯޑައުން މުޙަންމަދު ނަސީމް އިބްރާހީމް (ނަފާ ނަސީމް) އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި 2 ބޭފުޅުންގެ ތެރެއިން ރީކޯ މޫސާ މަނިކު 900 އަށް ވުރެ ގިނަ ސައްޙަ ތާޢީދު ފޯމު ހުށަހެޅުއްވި ނަމަވެސް ކާނަލް ހުށަހަޅުއްވާފައި ވަނީ ސައްޙަ 97 ފޯމު ކަމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މެންބަރު މުޙަންމަދު މާހިރު އީސާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިންތިޚާބު 2012 ގެ ގަވައިދު ބުނާ ގޮތުން ޗެއަރޕާސަން ކަމަށް ކުރިމަތިލާ ފަރާތްތަކުން 300 މެންބަރުންގެ ތާޢީދު ފޯމު ހުށަހަޅަން ޖެހެއެވެ. އެހެން ކަމުން ކާނަލް އެ އަދަދަށް ފޯމު ހުށަހަޅުއްވާފައި ނުވާތީ އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށްފަހު މި އިންތިޚާބުގެ ސައްޙަ ކެންޑިޑޭޓުންގެ ނަން 3 ދުވަހުގެ ތެރޭގައި އިއުލާން ކުރައްވާނޭ ކަމަށް މާހިރު ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޗެއަރޕާސަންގެ މަގާމަށް މީހަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ބާއްވަންޖެހޭނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ.