ދިވެހި ތާރީޚުގެ އެންމެ މުޑުދާރު ސަފުޙާތައް އުކެމުން ދަނީ!

އަދި އޭގެ އިތުރުން ރާއްޖޭގެ ތާރީޚުގައި ހަގީގަތް އޮޅުވާލައި އެއިރެއްގައި އެތިބަ ވެރިބަޔަކު ބޭނުންނޫން އެކިއެކި ކަންކަން ނުލިޔެ ދޫކުރުމުގެ ސަބަބުން ތާރީޚީ ގިނަ ޙާދސާތަކެއް ވަންހަނާ ކުރެވިފައިވާކަމީ އެނގޭންއޮތް ޙަގީގަތެއްވެސް މެއެވެ. ނަމަވެސް މިފަހަކަށް އައިސް ދިވެހީން ގަދަކަމުން ހޯދައިގަތް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ދުލާއި ގަލަމުގެ މިނިވަން ކަމުގެ ބޭނުން ކޮށްގެން ރާއްޖޭގައި މިފަހުގެ ތާރީޚު ހަގީގަތާ ގާތްކޮށް ލިޔެލުމުގެ ނަސީބު މިދަނީ ލިބެމުންނެވެ.

ވޭތުވެދިޔަ ތަނުގައި ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތައް އޮޅުވާލައި މުލަންމާކޮށް ނެރެފައި ވުމުން މިއަދުވެސް އެކަންކަމުގެ އަސްލު ހޯދައިގަނެ ނެރުމުގައި ލިޔުންތެރީންނަށް އެތަކެއް ގޮންޖެހުންތަކެއް މިވަނީ ކުރިމަތިވެފައެވެ. ޑޮކިއުމެންޓް ކުރެވެންހުރި ކާފީ ހެކިތައް ސަރުކާރުތަކުން ޚާއްސަކޮށް އެމްޑީޕީގެ ވެރިކަމާ ހަމަޔަށް ކުރީގެ ވެރިކަން ތަކުން ވަނީ ނައްތާލާފައެވެ. މިއަދު ގާނޫނީ ގޮތުން ރާއްޖޭގައި އޮންނާން ދިވެހީން އެކަށަ އަޅާފައިވާ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުގެ އެންމެބޮޑު ބޭނުމަކީ މަޝްހޫރު ތިރީސްއަހަރުގެ ވެރިކަމުގައި އެސަރުކާރުން ހިންގާފައިވާ ޚިޔާނާތްތަކާއި ޖަރީމާތައް ބޭޒާރުވިޔަ ނުދީ ފޮރުވައި ފަސްއަޅާލުމެވެ. މިއަދު ފެންނަމުން މިދާ ހަގީގަތް ތަކުގެ އަލީގައި ބުނެވެން އޮތީ މިއަދު ރާއްޖޭގެ މައްޗަށް ގަދަވެގެން މިތިބަ ބާޣީން މިގޮތުގައި ތިބުމުގެ ފުރުސަތު އިތުރުވަމުން ދިޔަ ވަރަކަށް ދިވެހީން މިހޯދައިގަތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަމާ ، ނިގުޅައި ނިންމާލާނެ ކަމެވެ. މިހާރުވެސް އެކަން މިދަނީ ފެނި، ހާމަ ވަމުންނެވެ.
މަޝްހޫެރު ތިރީސްއަހަރުގެ ޚުދުމުޚުތާރު ސަރުކާރުން ހިންގާފައިވާ ތަފާތު ޖަރީމާތަކުގެ ތެރެއިން އެއިރު ޖަލުތަކުގައި ހައްޔަރުކުރި މީހުންނަށް ދީފައިވާ ބޮޑެތި އަނިޔާތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ގިނަބަޔެއްގެ މައްސަލަތަކަށް ކިރިޔަ ކިރިޔާ އަލިއަޅުވާ ލެވިދާފަދަ ޑޮކިއުމެންޓު ތަކެއް އަމިއްލަ ޖަމިއްޔާއަކުން ހޯދައި އަނިޔާ ލިބުނު މީހުންގެ ބަޔާންތައް ރެކޯޑު ކުރެވޭއިރަށް އެސަރުކާރުގައި އިސްކޮށް ތިބިބަޔަކާއި އެމްޑީޕީ ސަރުކާރުން އެއްއަތް މަތީ ބައިންދައި އަނެއްއަތް ޖަހައިގެން ފިސާރި ލޯބިން ގެންގުޅުނު ނައިބުރައީސް ގުޅިގެން މިވަނީ ބަޣާވާތަކުން ދިވެހީންގެ ވޯޓުފޭރިގަނެ ވެރިކަން ބަދަލުކޮށްލާފައެވެ. ފެންނާންހުރި ހެކިތަކަށް ބަލާއިރު މިނޫންއެއްޗެއް އަމުދުން ބުނެވޭކަށް ނެތެވެ. ނަމަވެސް މިހިންގި ހަޑި ، އެހާމެ މުޑުދާރު އަަމަލު ފޮރުވުމަށް މިއަދު މިއޮތް ބާޣީ ސަރުކާރުން އެގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެމީހުންނަށް ސަނާކިޔާ މުޑިވިއްދާ ޓީވީ ޗެނަލުތަކުން އެގެންދަނީ ރެޔާދުވާލު ދޮގުރިޕޯޓުތައް ފަތުރަމުން ހަގީގަތަށް ފަސްއެޅޭތޯ ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް މިއަދު ދިވެހީން މިތިބީ އެއަށްވުރެ ހޭއަރައިގެންނެވެ. މަދުބަޔަކު ” ތިމަންނާމީ ބާޣީ ޝިފޫއޭ ” ބުނާ ރަނޑާއްޔެއްގެ ކަންހުޅީގައި ބެދިފައި ތިއްބެއް ކަމަކު ގިނަމީހުން އެހަދާ ދޮގުތަކެއް ގަބޫލެއް ނުކުރެއެވެ.

މިއަދު މިހިނގައިދިޔަ ކަންކަން ގައިމުވެސް ކޮންމެވެސް ބަޔަކު ހަގީގަތާ އެއްގޮތައް ލިޔެ ހާމަކުރާނެކަމީ ޔަގީންކަމެކެވެ. މިއަދުވެސް ލިޔެވި ފެންނާންހުރި ހަގީގަތްތަކާއި ކުރެވިފައިވާ ވީޑިޔޯތަކުން ބިބާޣީންގެ އަސްލުތައް އެހެރީ ސަރީޚަކޮށް ފެންނާށެވެ. އަދި ދުވަސްވީ ވަރަކަށް ބާޣީންގެ ސޯޓުސޮހި އޮރިޔާންވެގެން ދާނެކަމީ މިއަދު ޝައްކެއްނެތި ގަބޫލުކުރެވޭނެ ކަމެކެވެ. ދިވެހި ރާއްޖެއަށް ބަޑިބުރާސްފަތި ގެނުވައި އެކަން މުޅީން އެހެން ސިފަޔަކަށް ބަދަލު ކުރުމަށް މިހާތަނަށް ތިރީސްއަހަރުގެ ވެރިކަމުން ފެތުރި ޕުރޮޕެގެންޑާތައް މިއަދު ދިވެހީންނަށް މިވަނީ ހާމަވެފައެވެ. އެހެނަސް އަދި އަދާ ޖެހެންދެންވެސް އެމްއެސްއެލްގެ މައްސަލައާއި އެފްޕީއައިޑީގެ މައްސަލަތަކާއި މިފްކޯގެ ތިޖޫރިތަކުން ވަގުނޫޓު ފެނުނު މައްސަލަތައް އެވަނީ ފަސްއަޅައި ފޮރުވާލާފައެވެ. އެންމެ ފަހުން އެވަރުން ނުވެގެން ދިވެހިރައްޔިތުން ވޯޓަަކުން އިންތިޚާބު ކުރި ރައީސަކު ވެރިކަމުން ދުރުކޮށް އެތިބީ ވެރިކަމުގައިވެސް ބަގުޑި ބައްދައިގެންނެވެ.

މިކަންކަން މިއަދުގެ ލިޔުންތެރީންގެ ކޮންމެވެސް ބަޔަކު ނުވިކޭ ގަލަންތަކަކުން ލިޔެ އަންނާންއޮތް ތަނުގައި ހާމަކުރާނެކަން ޔަގީނެވެ. އެކަމަކު ހިތާމަޔަކީ އެދުވަހަކުން ދެން އަންނާންއޮތް ޖީލުތަކަށް ދޫކުރެވޭނެ މިތަރިކަޔަކީ ދުވަހަކުވެސް ދިވެހީން ، އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރެވުމަށް އެޅިގެންދާނެ ހަރުފަތަކަށް ވެގެންދާނެ ކަމެވެ. ދިވެހީން މިއަދާހަމަޔަަށް އެންމެ އިތުބާރުކުރި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އަގުމިވަނީ ދިވެހީންގެ ކުރިމަތީގައި ވެއްޓި ، ހަފުސްވެފައެވެ. މިއަދު ސިފައިންނާއި ފުލުހުންނާމެދު ގިނަބަޔަކު ދެކެނީ އެއީ ގައުމަށްވުރެ ރިޝްވަތުގެ ނަޖިސް ފައިސާއަށް ވިކޭ ބައެއްގެ ގޮތުގައެވެ. މަދުބައެއްގެ ސަބަބުން މުޅި އެދެ މުއައްސަސާގެ އަގު އެވަނީ ވެއްޓިފައެވެ. ވެރިކަމުގައި ދެންހުންނާން ޖެހޭ އެއްވެސް މީހަކު އޭނާގެ ނައިބަކަށް އިތުބާރެއް ނުކުރާނެއެވެ. ދިވެހީންގެ ލޭބޮއެގެން ބަނޑުލާފައި މިތިބަ މަހުޖަނުންނަކީ ނުރައްކާތެރި ޝިކާރަ ވެރީންކަމުގައި ދެކޭނެއެވެ. ދީނީ އިލްމު ވެރީންނޭ މިކިޔާ ބަޔަކީ ރަތްލާޖެހި ޓެރަރިސްޓުން ކަމުގައި މީހުން ހީކުރާނެ ޖާގަ އެވަނީ އެވެރީންގެ ތެރެއިން ބަޔަކު ފަހިކޮށް ދީފައެވެ. ބަނގުރަލަކީ ބޮނަކުއާ ފެންފޮދެއް ކަމުގައި ދިވެހި މުސްލިމުންނަށް މިއޮތީ އަންގާ ދެވިފައެވެ. ހަތަރެސްފައި ބަނދެ މީހުންގެ ހަލާލުއަނބިން ރޭޕުކުރާ މީހުންނަކީ ދީނީގޮތުން ރޯލުމޮޑެލުން ކަމުގައި ދިވެހީންނަށް މިވަނީ ދައްކައި ދީފައެވެ.

ހިތާމަޔަކީ މިއަދު ޔޯލަކޮށް ގިނަބަޔަކު މިދައްކާ ވާހަކަތަކުގެ ހަގީގަތް މިއަދު ބޭރުގެ ފަރާތްތަކަށްވެސް އެނގި ހާމަވެފައިވާކަމެވެ. މިގަައުމުގައި މިއަދު އެތިބަ ބާޣީ ސަރުކާރުގެ ވެރީންނަކީ އަނިޔާވެރި ބައެއް ކަމުގައި އަނެއްކާވެސް ބޭރުގެ ފަރާތްތަކުން ގޮވަމުން އެގެންދަނީ ފެންނާންހުރި ހަގީގަތް ތަކެއްގެ މައްޗަށް ބިނާކޮށެވެ. މިއަދަކު ދުނިޔެއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އަދި ބޭޒާރުނުވެ ގިނަ ދުވަހަކުވެސް ނުތިބެވޭނެއެވެ. ދިވެހީން ލަދުން މިވާހަކަތައް ނުދެއްކިޔަސް އެވެރިން މިކަންކަން ލިޔެ ހާމަކުރާނެއެވެ. ރީތިބޭޒާރަކުން ކޮންމެ ދިވެއްސަކު ބޭޒާރުވެ ދުނިޔޭގެ ގައުމު ތަކުގައި ދިވެހީންނަކީ ބާޣީންނަށް ސަނާކިޔާ ބައެއް ކަމުގައި ލޭބަލް ކުރެވިގެން ދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މިއޮންނަ ސައްތައިން ސައްތަ މުސްލިމު ކަންވެސް ދިވެހީން ރޭރުކުރުވުމަށް ޖޯކެއްގެ ގޮތުގައި ބަޔަކު ބޭނުން ކުރާން ފަށާފާނެއެވެ. ނަމުގައި މުސްލިމުން ކަމުގައި އިޝްތިހާރުވެ ތިބެގެން ދީނުގެ ހަމަތަކާއި އުސޫލުތައް ފައިދަށުލައި މުގުރައި ގައުމުގެ ވަލީއުލް އަމްރު ކަތިލައި މަރާލާނެ ކަމުގެ ބިރުދައްކައި ވެރިކަން ފޭރިގަންނަ ބައެއް ކަމުގައި ދިވެހީން އަނެކުން ބަލައި ގަންނާނެތެވެ.

މިޔަކީ ދިވެހީންގެ ގިނަބަޔަކު މިއަދުވެސް ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ މިއީކަމުގައި ކިތަންމެ ލަދުގަތަސް މިޖެހެނީ ބުނާށެވެ. މަގުމައްޗަށް ނުކުތް ތުނބުޅިލީ ގުންޑާއިން ތަކަކާއި އެމީހުންނަށް ވާގިދިން މަހުޖަނުން ތަކެއްގެ އަންބޮޑީގައި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ޖެހި ދައުލަތުގެ މުއައްސަސާތައް ފުނޑާލައި ގައުމުގެ ވެރިކަން ބަދަލުކުރި ހުތުރު މަންޒަރު މައަދު ފޮރުވޭކަށް ނެތެވެ. މިހަގީގަތް މިއަދުވެސް އޮތީ ފެންނާށެވެ. އަދި ދާދި އަވަހަށް ފިސާރި ރީތިކޮށް ބާޣީންނާއި އެމީހުންނަށް ވާގިދިން މީހުންގެ މުންޑުބޭލި ބަރަހަނާވާނެކަން ޔަގީނެވެ. އެކަމަކު ދިވެހީންގެ ތާރީޚުގައި މިހަގީގަތްތައް ލިޔެވުމަށްފަހު ކިޔަމުންދާއިރު އެބަޔަކަށް ދިވެހި ތާރީޚުގެ އެންމެ މުޑުދާރު ސަފުޙާތައް އުކެމުން ދަނީ ކަމުގައި ޔަޤީން ކުރެވޭނެއެވެ.