އެމްޑީޕީގެ އިންސާފުގެ މައިދާނުގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެއްވެސް ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްފައެއް ނޫން – އެމްޑީޕީ

އެމްޑީޕީގެ އިންސާފުގެ މައިދާނަށް ސިފައިންނާ ފުލުހުން އަރައިގަނެ އެމައިދާން ސުންނާފަތިކޮށް އެމްޑީޕީ އެތަނުން ބޭރުކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކުރީ ގާނޫނީ އެއްވެސް އަސާސަކަށް ބިނާކޮށްފައި ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ކޮމިޓީން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ އަދި ގާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވީ ގާޒީ ހުކުމް އިއްވި އިރު އެ ހުކުމުގައި އެއްވެސް ތަފްސީލެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި އެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތައް ބަލާއިރު އަދިވެސް އެ މައްސަލައިގައި ޝަރީއަތުން ވިދާޅުވާ އެއްވެސް މައްސަލައެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، އެ ހުކުމަކީ “ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ކުރައްވާފައި އޮތް ހުކުމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ” ކަމަށެވެ.

މި ޙުކުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަންގެ ސައްހަ ކަމާ މެދު އެއްވެސް ސުވާލެއް ނު އުފެދޭ ކަމަށް ވެސް ޙަސަން ލަތީފް ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސް ގައި އިބްރާ ވިދާޅުވީ މި ސަރުކާރާއި 2008 އަހަރުގެ ކުރީގައި އޮތް ސަރުކާރާއި އެއްވެސް ތަފާތެއް ނެތްކަމަށެވެ. ސަބަބަކަށް އިބްރާ ވިދާޅުވީ ޕޮލިހުންނާއި ސިފައިން އެއްވެސް ކަމަކާއި ނުލާ އާންމު ރައްޔިތުން ހިފާ ހައްޔަރުކޮށް ބޮޑެތި އަނިޔާތައް ދޭތީއެވެ.

“އަޅުގަނޑުމެންނަށް މި ފެންނަނީ ދެހާސް އައްވަނަ އަހަރުގެ ކުރީގަ އޮތް ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތައް އަނެއްކާވެސް އަމަލުކުރަމުން ދާތަން. ފުލުހުން މީހުން ހައްޔަރު ކުރުން. މަގުމަތިންވެސް، ތަނަކުހުއްޓަސް ހައްޔަރު ކޮއްފައި އެމީހަކަށް ބޮޑެތި އަނިޔާތައްދީ އެއަނިޔާތައް މީހުންނައް ފެނިދާނެތީ އެ އަނިޔާތައް އޮބާ ކޯޓު އޯޑަރެއް ހޯދައި ޖަލުގައި ބައިންދަމުން ދާތަން. މިއަކީ މިހާރު ހިނގަމުންދާ ކަންތައްތައް،” އިބްރާ ވިދާޅުވި އެވެ.