ބަޣާވާތަކުން ވެރިކަން ވައްޓާލުމާއި ގުޅިގެން އެމްޑީޕީން ކުރިއަށްގެންދިޔަ އިހްތިޖާޖްތަކަށް މާލޭ ސިޓީކައުންސިލުން ރާޅުގަނޑު ސަރަހައްދު ދޫކޮށް، އެމްޑީޕީގެ އިންސާފުގެ މައިދާން އެ ސަރަހައްދުގައި ގާއިމްކޮށްފައިވަނިކޮށް، ފުލުހުންނާއި ސިފައިން އެތަން ފުނޑާލި މައްސަލަ ސިވިލްކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެހުކުމްގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރިކަމަށް ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ އަދި ޤާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
“ދައުލަތުން އިޖުރާއީ މައްސަލަ ނެގި ދުވަހުވެސް އަޅުގަނޑުމެން ފާހަގަކުރިން މިމައްސަލަ ވަކިގޮތަކަށް ނުނިންމާ ކުރިއަށް ގެންދިޔުމަކީ ރަނގަޅުކަމެއްތޯއޭ؟ ފަނޑިޔާރު ވިދާޅުވި މީގެކުރިންވެސް އެގޮތަށް މައްސަލަތަކުގައި އަމަލުކުރައްވާކަމަށާއި ފަހުން ގޮތެއް ނިންމިދާނެކަމަށް. ދެން އަޅުގަނޑުމެންވެސް އެކަން ގަބޫލުކުރަން. އެހެން ނަމަވެސް މީގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި” ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީވެސް މިފަދަ ގޮންޖެހުންތަކާއި ކުރިމަތިނުވާނެކަމަށް ބައްލަވައިގެން ނޫންކަމަށެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ލީގަލް އެފެއަރޒް ސެކްރެޓަރީ އަދި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކޯޓްތަކުގައި ހިންގާ މައްސަލަތަކުގައި ސޮއިކުރާނީ ކޮންބައެއްކަން އެމްޑީޕީގެ ގަރާރަކުން ކަނޑައަޅާފައިވާކަމަށާއި އެގޮތުން ޕާޓީގެ ރައީސް ނުވަތަ ނައިބް ރައީސް ނުވަތަ ޕާޓީގެ ޗެއަރޕާސަންކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ޕާޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު، އެމަގާމަށް ބޭފުޅަކު އިންތިހާބްކުރެވެންދެން މޫސާމަނިކާއި ހަވާލުކޮށްފައިވަނީވެސް ގައުމީ މަޖިލީހުންކަމަށާއި އެކަން ކަނޑައަޅާފައިވާ ގަރާރުވެސް ކޯޓަށް ހުށަހެޅިކަމަށް ހިސާން ވިދާޅުވިއެވެ.
ހަސަންލަތީފް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަގުތީ ޗެއަރޕާސަން މޫސާމަނިކަށް ބާރުތައް ދޫކުރި ޖަލްސާގެ ޔައުމިއްޔާގެ މައުލޫމާތު ފުރިހަމަ ނުވާކަމަށް ބުނެ މައްސަލަ ބޭރުކޮށްލި ކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
“ޔައުމިއްޔާއިން އެބައެނގޭ އެކްޓިން ޗެއަރޕާސަންއަކީ މޫސަކަމާއި އޭނައަށް އެދުވަހު ގައުމީ މަޖިލީހުގައި ލިބުނީ ކިތައް ވޯޓްކަމާއި، ދެން އެއަށްވުރެ ޝަރީއަތަށް އެމައްސަލާގައި މައުލޫމާތު ބޭނުންވާނެކަމަކަށް އަޅުގަނޑު ނުދެކެން. އަނެއްކާ ގައުމީ މަޖިލީހުގެ ލިޔުމެއް އެބައޮތް. އެކަމަށް ކޯޓުން ދެބަހެއްވެސް ނުވޭ. ދެން ނޭނގިގެން މިއުޅެނީ ކޯޓުން އެބުނާ ފުރިހަމަ ނުވާ މައުލޫމާތަކީ ކޮބާކަން. މިސާލަކަށް ބުނާނަމަ ތައްގަނޑު ކުލަމަޑުވުން ނޫނީ ޕާޓީގެ ލޯގޯ ނުބައި ފަޅީގައި އޮތުން، މިއީ މައްސަލައާއި ގުޅުމެތްނެތް ކުދިކުދި އިދާރީ ކަންތައްތައް” ހަސަން ލަތީފް ވިދާޅުވިއެވެ.
ހިޝާން ހުސައިން ވިދާޅުވީ އެހުކުމުން މާބޮޑު އެއްޗެއް ސާފްނުވާކަމަށާއި އެގޮތުން ކޯޓުގެ ހުކުމާއި ގުޅިގެން ސުވާލު އުފެދެނީ ވަގުތީ ޗެއަރޕާސަންގެ މަގާމާއިމެދުކަން ނުވަތަ ޔައުމިއްޔާއާއިމެދުކަންވެސް ސާފުނުވާކަމަށެވެ. އެމްޑީޕީން އިއްޔެ ވަނީ މިމައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މިފަހަރު މައްސަލަ ހުށަހެޅި ފޯމްގައި ސޮއި ކުރެއްވީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އެވެ.