ފުނަމާ
މިއަދު އެމްޑީޕީއާއި އިދިކޮޅުވެގެން އެއުޅޭ މީހުން އެންމެ ބޮޑަށް ތަސައްވަރު ކޮށްދޭން ބޭނުންވަނީ އެމްޑީޕީ އަކީ ވަކިމީހެއްގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭ ޕާޓީއެއްގެ ގޮތުގައެވެ. މިކަން މިގޮތަށް ހާމަކޮށްދިނުމުގައި އެމީހުންނަށް މުހިންމުވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ.
ޑީއާރުޕީ ބައިބައިވެގެން ދިޔައީ އެޕާޓީގެ ބައެއް މެންބަރުން ބުނިފަދައިން އެކްސެސް ބަގެޖެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫނު އެޕާޓީގެ މައްޗަށް ނުފޫޒުހިންގައި ގަދަބާރު ދައްކާން ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއަދު ޕީޕީއެމްގެ ތެރޭގައިވެސް އޮތް އެންމެބޮޑު ފިތުނަޔަކީ މައުމޫނާ އޭނާގެ އަޅުންކަމުގައި އެޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ތަކުން ބުނަމުން ގެންދާއަޑު ސިއްރުނުވެ އެބައިވެއެވެ. އެޕާޓީގެ ކައުންސިލް މެންބަރު ސައުދު ވަކިވުމާ ، މައުމޫނަށް ޖާނުދެމުން ގެންދިޔަ ވަށްޑޭ ، އެކަހެރިކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ޕީޕީއެމް ދާދި އަވަހަށް ބައިބައިވެގެން ދާނޭކަމުގައި ގިނަބަޔަކު ދެކެއެވެ.
މިއަޑުތައް މަޑުކޮށް ހަގީގަތުގެ މައްޗަށް ފަސްއަޅާލުމުގެ ބޭނުމުގައި އެވެރިން އެގެންދަނީ އެމްޑީޕީއަށްވެސް މިދުވަސް އައުންއެދި މިހާރުއްސުރެ މަސައްކަތްކޮށް އަޑުއަރުވަމުންނެވެ. ނަމަވެސް ހަގީގަތަކީ މިއީނޫންކަން ޚޮދު އެވެރިންވެސް ދަނެއެވެ. އެމްޑީޕީއަކީ ފަންސާސް ހާހުން މަތީގައި މެންބަރުން ގުނޭ ޕާޓީއަކަށް ވެފައި އެދި އެތަކެއްހާސް ސަޕޯޓަރުންނެއް ތިބި ޕާޓީއެއްކަމުން ބައެއްކަހަލަ ޚިޔާލުތަފާތުވުންތައް މިޕާޓީގެ ތެރޭގައި ހުރުމަކީ ޑިމޮކްރަސީއާއި ޚިލާފު ކަމެއް ކަމުގައި ބެލުމަކީ ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ނުދަންނަ ބަޔަކަށް ހީވެދާނެ ހީވުމެކެވެ. އެމްޑީޕީގެ އެންމެ މަތިން އެންމެ ތިރިއަށް ބަލާލިޔަސް އޮންނަނީ ހަމަހަމަ ކަމެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އަޅުވެތިކަމާ ދުރު މިސާލުތަކެވެ. ވަކިމެންބަރަކަށް ވަކިޚާއްސަ އިމްތިޔާޒުތަކެއް މިޕާޓީއަކު ނޯންނާނެއެވެ. ރަށްރަށުގެ ގޮފިތައް ތަމްސީލު ކުރަނީ ދެތިން ގުބޯލުންގެ ނަމުގައެއް ނޫނެވެ. ފަންސާސް މެންބަރުން ހަމަވާ ގޮތްޕަކުން ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުކުރާ ރައީސަކު މެނުވީ އެމްޑީޕީގެ ގޮފިތަކުގެ ރައީސްއެއްގެ ގޮތުގައި ނުހުންނާނެއެވެ. ދާއިރާގެ ރައީސުން އިންތިޚާބުކުރަނީ އެދާއިރާއެެއްގެ ހުރިހާ މެންބަރުންގެ ރުހުމާއެކުގައެވެ. ގައުމީ މަޖިލިސް އެކުލެވިގެންވަނީ ގަވާއިދުން ބާއްވާ ކޮންގްރެސް އިން ނިންމާ ނިންމުން ތަކުގެ އަލީގައި އެކުލަވާލާ ގަވާއިދުތަކާ ހަމަތަކާ ފުށުނާރާ ގޮތެއްގެ މަތީގައެވެ. ޕްރައިމަރީތައް ބޭއްވެނީ ދެފުށް ފެންނަ ގޮތެއްގަ އިންސާފުވެރި ކަމާއެކުގައެވެ. ވަކިމީހެއްގެ ނުފޫޒެއް ނެތްނަމަވެސް ކޮންމެ މެންބަރަކަށްވެސް އެމެންބަރެއްގެ ހިތްއެދޭ ފަރާތަކަށް ރުހުންދިނުމުގެ ހައްގާއެކުގައެވެ. މިޔަކީ ޑިމޮކްރަސީއާއި ޚީލާފު ގޮތެއްކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ.
އެމްޑީޕީ ދެމިއޮތްހާ ހިނދަކު އަދި، ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ދެމިއޮތްހާ ހިނދަކު ރައީސް ނަޝީދުގެ ޒިކުރާ އާވޭވޭ އޮންނާނޭ ކަމީ ޝައްކެއްނެތި އެނގެންއޮތް ހަގީގަތެކެވެ. އެމްޑީޕީ އުފެއްދެމުގަައާއި އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައުމުގެ އިތުރުން ހަރުދަނާ ޑިމޮކްރަސީ އަކާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން މިގައުމަށް ގެނެސް ދެއްވުމުގައި ރައީސް ނަޝީދުގެ ހިއްސާ އޮތީ ކިހާ މިންވަރެއްގައިކަން އެނގޭނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި ސިކުނޑިއެއް އޮތުމުގެ ނަސީބު ދެއްވާފައިވާ މީހަކަށް އެކަންޏެވެ. ހޭބުއްދި ފިލައި ހިނދުކޮޅު އައިސްގެން އުޅޭ މީހުންނަކަށް އެކަމެއް ނޭނގޭނެއެވެ. އެހެންކަމުން އެމްޑީޕީ ރައީސް ނަޝީދުގެ މައްޗަށް ބަރޯސާވެ ތާއީދު އޮތުމަކީ ފިތުނަވެރީންގެ ހިތައް ކިތަންމެ ހިތްދަތި އަސަރުތަކެއް ކުރިނަމަވެސް އެނޫންގޮތަކަށް އަދި ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.
އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަަކަށް ހުންނަވައިގެން އެވަގުތެއްގައި ނަންގަވަން ޖެހުނު ކޮންމެ ޑިސިޝަންއެއް ނަންގަވައިގެންނެވެ. ވިސްނުމާ ކެއްތެރިކަމާ ހިކްމަތްތެރި ކަމުގެ ބޭނުން އެންމެ ފުރިހަމަޔަށް ހިތްޕަވައިގެންނެވެ. އެހެން އެއްވެސް ޕާޓީއެއްގައި ނެތްފަދަ ހަރުދަނާ ލީޑަރޝިޕަކާއެކުގައެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައް ފުރިހަމަޔަށް ތަންފީޒު ކޮށްގެންނެވެ. އެހެންނަމަވެސް ވެރިކަން ލިބުމުގައި އެޅުނު ބައެއް ފިޔަވަޅުތައް ހާލަތީ ގުޅިގެން ބަދަލު ނުކުރެވުމާ ، އިތުބާރު ކުރާންނުޖެހޭ ބައެއް ފަރާތްތަކަށް މާބޮޑަށް އިތުބާރުކޮށް ދޫކޮށްލެވުމުގެ ނަތީޖާއަކީ އެމްޑީޕީގެ ހަތުރުންނަށް އެމްޑީގެ މައިދޮރާށިން ވަދެ އެތެރެ ފުނޑާލުމަށް ފުރުސަތު ލިބުމެވެ. އެމްޑީޕީގެ މެންބަރުން ނުހަނު ބުރަ މަސައްކަތާ އުންމީދާއެކު ދާންއެދުނު އަމާޒަށް ވާސިލް ވުމަށް ހުރަސްތަކެއް ކުރިމަތި ވީއެވެ.
ނާއިބު ރައީސެއްގެ މަގާމުގައި ހުރި ވަހީދުގެ ހީލަތްތެރި ރޭވުންތަކުގެ ވަސްދުވި ހިސާބުން އެމްޑީޕީގެ ގިނަމެންބަރުން ތަކެއް އެކަމުގައި ހިފައިގެން ތެދުވި ނަމަވެސް ރައީސް ނަޝީދު ވަހީދާއިމެދު ދެކިވަޑައި ގެންނެވި އިޚުލާސްތެރި ކަމުގެ ސަބަބުން ނައިބު ވަހީދު ބާޣީ ވަހީދަކަށް ބަދަލުވެގެން ދިއުމަށް ގިނަދުވަހެއް ނުނެގިއެވެ. އެމްޑީޕީގެ ސަރުކާރާއި އިދިކޮޅު ފިތުނަވެރީންގެ ރޭވުންތަކުގެ އެންމެ ފުނުގައި ފައިހަރުކޮށްގެން ބާޣީވަހީދު މިހިންގި ހަޑިމުޑުދާރު އެންމެހައި އަމަލުތަކަކީ އޭނާގެ ގޮތްކުޑަ އަމަލުތަކަށް ނުވިސްނައި އެމްޑީޕީގެ ލީޑަރޝިޕު އޮތުންކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ. އެހެނަސް މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދަށް ނުވަތަ ޕާޓީގެ ގައުމީ މަޖިލީހަށް ތުހުމަތުގެ އިނގިއްޔެއް ދިއްކުރުމުގެ މާނައެއް އޮތްކަމުގައެއް މިޕާޓީގެ ގިނަމެންބަރުންނެއް ނުދެކެއެވެ. ނަމަވެސް މިނޫން ޚިޔާލުތަކަށްވެސް މިޕާޓީން އިހުތިރާމު ކުރާނެއެވެ. އެއީ ޑިމޮކްރަސީއެވެ. މިޕާޓީގެ ހުރިހައި މެންބަރުންވެސް ޑިމޮކްރަސީ ދަންނާނެއެވެ. ހޭލުންތެރި ވާނެއެވެ.
އެމްޑީޕީގެ ވެރިކަން އަދި ނުނިމެއެވެ. ބަޣާވާތަކުން ވެރިކަން ވަށްޓާލި ބަޔަކަށް މިނޫން މަންޒަރެއް ނުފެންނަ ވަރަށް ދެލޯކަނު ވެފައި ތިބި ނަމަވެސް ދިވެހިރާއްޖޭގައި 2013 ވަނަ އަހަރުގެ ނޮވެމްބަރ 11 އާއި ހަމަޔަށް އޮންނާނީ އެމްޑީޕީގެ ވެރިކަމެވެ. މިނޫންގޮތަކަށް ބުނާބަޔަކީ ގާނޫނާއި ގަވާއިދެއް އަމުދުން ނޭނގޭ ދެކޮޅު ކޮހުންނޫނޭ ބުނެވޭނެ ތަނެއް ނެތެވެ. ބަޣާވާތަކުން ދުރުކުރި ރައީސް އަށް އެމަނިކުފާނުންގެ މަގާމު އަނބުރައި ލިބިދޭން ނުވަތަ އެމްޑީޕީން އެބުނާފަދައިން ރައްޔިތުން އެދޭ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަމަށް ގެންނަން އެބަޖެހެއެވެ. މިކަން ކުރިންވެސް ކުރީ އަދި، މިހާރުވެސް ކުރާންތިބީ އެމްޑީޕީއެވެ. މިމަސައްކަތް ފެއްޓެވި އަދި އެންމެބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އަދި ، ހަމައެހެންމެ މިދައުރުގެ އިންތިޚާބީ ރައީސްއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ އެންމެ އިސްލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއްގެ ދަށުން ހުންނެވުމަކީ އެކަމުގެ މާނައޮޅުވާލައި އެހެންފުށަކަށް ފުރޮޅާލުމުގެ ބޭކާރު މަސައްކަތުގައި ފެންހިފާނެ ކަމެއް ނޫނެވެ. އެމްޑީޕީގެ ހުރިހައި މެންބަރުންވެސް ގަބޫލުކުރާ ގޮތުގައި މިއީ އެމްޑީޕީގެ ވެރިކަމެކެވެ. ފިލިވަހީދާއި އޭނާގެ ރިޝްވަތު ކޯރުންގެ ވެރިކަމެއް ނޫނެވެ. ވެރިކަން ބަދަލުވެގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ވާނަމަ މިއަދުވެސް އޮންނާނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރާ ވެރިކަމެކެވެ. އެމްޑީޕީގެ ވެރިކަމުގައި ހެދިފައިވާ މަގާމުތަކާ ވުޒާރާތަކުގެ ތަނބުތައް ނަގައި އުކާލާ މުނާފިގު ފާހިޝް ރޮނގާލިން ދީނުގެ ކަންކަމުގައި ނެރެގެން ބާޣީވަހީދު ނާޗަރަންގީ ކުރާކަށް ނުދުވީހެވެ.
އެމްޑީޕީ ދެމިއޮތީ އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް އަޒުމާއެކުގައެވެ. ހިއްވަރާއެކުގައެވެ. މިޖޯޝާއި ފޯރީގައި އެމްޑީޕީ އޭގެ އަމާޒަށް ދަތުރު މިއަދުވެސް މިކުރަނީ ރައީސް ނަޝީދުގެ ލީޑަރޝިޕާއެކުގައެވެ. މިޔަކީ ބަޔަކަށް ކިތަންމެ އަސަރެއްކޮށް ނިދިލޮލުފިޔަ ނުޖެހުނަސް ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ. އާނއެކެވެ. އެމްޑީޕީ އަކީ ވަކިމީހެއްގެ ފަހަތުންދުވެ ވަށާ އެނބުރޭނެ ޕާޓީއެއް ނޫނެވެ. ނަމަވެސް ހަމަޔާއި އިންސާފަށް ލޯބިކުރާ އެއްގޮތެއްގައި ފިސާރި ސާބިތުކަމާއެކު ދެމިތިބޭނެ ޕާޓީއެކެވެ. މިވިސްނުން ބަދަލެއް ނުކުރެވޭނެއެވެ.