މަގުމަތީގެ ޙަރަކާތްތަކާ ބެހޭގޮތުން މިއަދު ނޫހަށް ބަސްދީގަތުމެއް ދެއްވާފައި ނުވާނެ. ޑީޑީ

ކޭ. ޝަފީގް
” މަގުމަތީގެ ޙަރަކާތް ހުއްޓާލާ، މަޝްވަރާގެ މޭޒް އިސްކުރަންވެއްޖެ” މިސުރުޚީގެދަށުން މިއަދު ނޫހުގެ 8 އޭޕްރިލްގެ ޢަދަދުގައި ޑޮކްޓަރ ދީދީ އާއިޙަވާލާ ދެއްވާ ޝަހީދާ ސައީދު ލިއުއްވާފައިވާ ޚަބަރަކީ އެމްޑީޕީގެ ރައީސް ޑޮކްޓަރ އިބްރާހިމްދީދީ ދެއްވާފައިވާ ޚަބަރެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މިއަދު ނޫހުގެ ސައިޓުން މިޚަބަރު ފެނުމާއެކު މިޚަބަރު ލިއުއްވި ޝަހީދާ ސަޢީދު އާ ފޯނުން ގުޅުއްވިކަމަށާ ނަމަވެސް އެކަމަނާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން މިއަދު ނޫހަށް ގުޅުއްވާ، އެމަނިކުފާނު މިއަދުނޫހަށްވެސް އަދި ޝަހީދާ އަށްވެސް ބަސްދީގަތުމެއް ދެއްވާފައިނުވާ ހިނދު، މިޚަބަރަކީ ކޮންގޮތަކުން މިއަދުނޫހުން ޙޯއްދެވި ޚަބަރެއްތޯ ސުވާލު ކުރެއްވިކަމަށާ، އެނޫހުގެ އިސްފަރާތެއް ކަމުގައިވާ ގަބޭލަތީފް ވިދާޅުވީ އެޚަބަރަކީ ދީދީ ދިޓީވީއަށް ދެއްވާފައިވާ ބަސްދީ ގަތުމަކުން ތަންތަންކޮޅު ނަގައިގެން ތައްޔާރުކޮށްފައިވާ ޚަބަރެއް ކަމުގައެވެ. ދިޓީވީއަށް ދެއްވާފައިވާ ޚަބަރެއް އެޓީވީއާ ޙަވާލާ ނުދީ އެހެން ނޫހެއްގައި ލިއުމަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަޑާ ޚިލާފް ކަމެއްކަން އެނގިހުރެ، އަދި ޑރ. ދީދީ ވިދާޅުނުވާ ވާހަކައެއް އުފައްދައިގެން ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅޭ ގޮތަށް މިއަދު ނޫހުގައި އެފަދަ ދޮގުޚަބަރެއް ޝާއިޢު ކޮށްފައިވާތީ މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާއްވާ ކަމުގައި ޑރ. ދީދީ ވިދާޅުވިއެވެ.އަދި މިއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ޒާތުގެ ނޭއްގާނީ ކަމެއްކަމަށާ ދިޓީވީއަށް އެމަނިކުފާނު ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވާނީ، އެމްޑީޕީއިން މަގުމަތީގައި ހިންގާޙަރަކާތުގެ އިތުރުން ހުރިހާސިޔާސީ ޕާޓީތަށް އެކުވެގެން މަޝްވަރާގެ މޭޒް ޚިޔާރު ކުރުމަކީ ބޭނުންތެރި ކަމެއްކަމުގައެވެ. އަދި ރާއްޖޭގައި ގާއިމް ކުރެވިފައިވާ ގާނޫނީ ސަރުކާރު ފުލުހުންނާ ސިފައިން މެދުވެރިކޮށް ވައްޓާލާފައިވަނީ ރަގަޅަށް ނޫންކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވާނޭކަމުގައިވެސް ވިދާޅުވިއެވެ. ކަންމިހެން ހުރުމާއެކު ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅޭފަދަ ދޮގުޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ އުޞޫލާ މުޅީން ޚިލާފް ޢަމަލެއްކަން ބަޔާންކުރައްވާ މިފަދަ ކަންކަން ކުރާފަރާތް ތަކާމެދު ފިޔަވަޅު އަޅަންޖެހި ދާނޭކަމުގެ އިންޒާރު މިއަދު ނޫހަށް ދެއްވާ، މިފަދަ ދޮގު ޚަބަރެއްގެ ސަބުން ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލި ހަމަނުޖެހުން ހިނގާފާނޭކަމުގެ ބިރު އެބަ އޮތްކަން ވެސް ދީދީ ފާހަގަ ކުރެއްވިއެވެ.