އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސަގެ އޮފީސް ފަޅާލައި ބޮޑެތި ގެއްލުންތަކެއްދީފި

ޖަޒީރާ ބިލްޑިންގެ ގެ 9 ވަނަ ފަންގިފިލާގައި ހުންނަ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑް މޯލްޑިވްސްގެ އޮފީސް ފަޅާލައި އެ އޮފީހަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ހިންގާފައިވާ ކަމަށް ބެލެވޭ މި ޖަރީމާގައި އެ އޮފީހުގެ ބައެއް ކޮމްޕއިޓަރުތަކުގެ ސްކްރީންގައި ކަޓަރު އަޅައި، ބައެއް ކޮމްޕިއުޓަރ ސިސްޓަމްތައް ފާޚާނަތެރެއަށް ވައްދައި ފެންއެޅުމުގެ އިތުރުން ޕާސްޕޯޓުތައް ވީދައި، އިދާރީ ލިޔެކިޔުންތަކަށް ފާޚާނާ ސާފްކުރަން ގެންގުޅޭ ޕައުޑަރުއަޅާފައި ވެއެވެ.

މީގެ އިތުރުން އެ އޮފީހުގެ ފާރުތަކުގައި މޫސަގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެ، އިންޒާރުދީފައި ވެއެވެ.

އެ އޮފީހުގެ މުޥައްޒަފަކު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެމުން ބުނީ ” އޮފީހަށް ވަދެފައިވަނީ އެފަދަ ކަންތައް ކުރުމުގެ ގާބިލްކަންހުރި ފަރާތަކުން ކަމަށް ލަފާކުރެވޭ” ކަމަށާއި އެތަނަށް ވަދެފައިވަނީ ދޮރުގެ ދަށުން ފަތިގަނޑެއްލައިގެން ކަމަށެވެ.